15 Sep 2012, 11:06
މާތް ރަސޫލާ މުޙައްމަދުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށްފައިވާ ފިލްމުގެ ޓްރޭލާ ފެނުމުން އުފެދުނު ރުޅިވެރިކަމުގައި އެމެެރިކާ އަށް ވަނީ ބޮޑު އަގެއް ދައްކަން ޖެހިފަ އެވެ.
ދުނިޔޭގެ މުސްލިމުންގެ ނަފުރަތު އެމެރިކާ އަށް އަމާޒުވީ އެފިލްމު އުފެއްދުމަށް ހަރަދުކުރި މީހާ އާއި އެކަމުގައި ދެވަނައަށް އިސްކޮށް އުޅުނު މީހާއަކީ ވެސް އެމެރިކާގައި ދިރިއުޅޭ ދެ މީހުންނަށް ވުމުންނެވެ.
ރުޅިވެރިކަން ހައްދުން ނެއްޓި ލީބިޔާގެ ބެންގާޒީގައި ހުރި އެމެރިކާގެ ކޮންސިއުލޭޓަށް ހަމަލާދީ އެތަނުގައި ހުންނެވި އެމެރިކާގެ އެމްބެސެޑަރާއި އިތުރު ބައެއް މީހުން މަރާލި ފަހުން އެކަން ދަނީ އިސްލާމީ ދުނިޔޭގައި ވަރުގަދަ އަލިފާންގަނޑެއްހެން ފެތުރެމުންނެވެ. މިސްރާއީ ސޫދާނާއި ތޫނިސްއާއި ޔަމަނުގައި ހުރި އެމެރިކާގެ އެމްބަސީތަކަށް ގެއްލުންދީ ފައިވާ އިރު ލުބުނާނުގައި އެމެރިކާ މީހަކު ހިންގަމުން ދިޔަ ރެސްޓޯރެންޓެއް ވެސް ވަނީ އަންދާލާފަ އެވެ.
ކަންތައްތައް މިހިސާބަށް ދިޔަ އިރު ފިލްމު އުފެއްދީ ކާތުތޯ ބެލުމަށާއި އެ ފިލްމުގެ ޓްރޭލާ ނެގުމަށް ވެސް އެމެރިކާ ސަރުކާރުން ވަނީ މަސައްކަތް ފަށާފަ އެވެ. އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ކުރި މަސައްކަތުން ފިލްމަށް ހަރަދުކުރީ ކާކުކަމާއި އެކަމުގައި ދެން އެންމެ އިސްކޮށް އުޅުނީ ކާކުކަން މިހާރު އޮޅުން ފިލާފައިވާ ކަމަށް އެމެެރިކާއިން ބުނެ އެވެ.
ްއެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނި ގޮތުގައި ފިލްމަށް ހަރަދުކުރީ މިސްރަށް އުފަން ކޮޕްޓިކް ކްރިސްޓިއަނެއް ކަމަށްވާ ނަކޫލާ ބާސްލޭ ނަކޫލާ ނަމަކަށް ކިޔާ މީހެކެވެ. އަދި އެކަމުގައި އޭނާގެ އެހީތެރިއަކީ ސްޓީވް ކްލެއިން ނަމަކަށް ކިޔާ މީހެކެވެ.
ނަކޫލާ އޭނާގެ މުޑުދާރު މަސައްކަތް ކޮށްފައި ވަނީ ސޭމްބާސިލް ކިޔާ އިސްރާއީލްގެ ރިއަލް އެސްޓޭޓް ވިޔަފާރިވެރިއެއްގެ ނަމުގައި ކަމަށާއި އޭނާއާއި ކްލެއިން އަކީ ވެސް ކުށުގެ ރެކޯޑް އޮތް މީހުން ކަން ވަނީ އެނގިފަ އެވެ.
ފޭކް ނަންތަކުގައި ސޯޝަލް ސެކިއުރިޓީ ނަމްބަރުތައސް ބޭނުންކޮށްގެން ބޭންކް އެކައުންޓްތައް ހުޅުވި ކަމުގެ ކުށުގައި ކުރިން ޖަލަށްލާފައިވާ ނަކޫލާ ހަ ނަމެއް ބޭނުންކުރެ އެވެ.
މުސްލިމުން ރުޅި އެރުވުމަށް އުފެއްދި ފިލްމު ވެސް އޭނާ އުފައްދާފައި ވަނީ އެފަދަ އޮޅުވާލުމެއްގެ ތެރެއިންނެވެ. އެގޮތުން "ޑެޒާޓް ވޮރިއާސް"ގެ ނަމުގައި އުފެއްދި އެފިލްމުގެ ނަމާއި އޭގެ ޑަޔަލޮގްތައް ވެސް އޭނާ ފަހުން ބަދަލުކޮށްފައިވާ ކަމަށް އެފިލްމެ ކާސްޓުންނާއި ކްރޫ ހިމެނޭ ގޮތުން 79 މީހުން ހެކިދެ އެވެ. އެމީހުން ވަނީ އޭނާގެ މި އަމަލާ މެދު ހިތާމަފާޅުކޮށް، ނޫސްތަކަށް ބަޔާންތައް ފޮނުވާފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު އުފެއްދި އެ ފިލްމު ހޮލީވުޑްގެ ކުޑަ ސިނަމާއެއްގައި އެޅުވި ކަމަށާއި އެހެން ނަަވެސް އެފިލްމު ބެލީ ވަރަށް މަދު ބައެއް ކަމަށް އެތިއޭޓަރަށް ދިޔަ މީހަކު އޮރެންޖް ކައުންޓީ ރެޖިސްޓާއަށް ކިޔައިދީފައިވެ އެވެ.
ނަކޫލާ ބާސްލޭ ނަކޫލާ އުފެއްދި ފިލްމުން އޭނާ ހާސިލު ކުރަން ބޭނުންވި ނަތީޖާ، ބައެއް މުސްލިމުންގެ ކެތްތެރިކަމެއް ނެތުމުގެ ސަބަބުން މިވަނީ ހާސިލް ވެފަ އެވެ. އެފިލްމުން އޭނާ ދައްކުވައިދޭން ބޭނުންވީ މުސްލިމުންނަކީ ކެތްތެރިކަމެއް ނެތް އަނިޔާވެރި ބައެއް ކަމަވެ.
އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ އެފިލްމުން އޭނާ ދައްކައިދޭން ބޭނުންވި ހަގީގަތް، ފިލްމާ ގުޅިގެން މުސްލިމުން އަމަލުކުރި ގޮތުން ރަނގަޅަށް ހާމަވެފައިވާ ކަމަށެވެ.