15 Sep 2012, 10:45
ތިނަދޫ ގޭގެއަށް ސާފު ބޯފެން ފޯރުވައިދިނުމުގެ ޚިދްމަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެ ފައްޓަވައިދެއްވައިފި އެވެ.
އެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ތިނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ ޚިދްމަތް ފަށްޓަވައި ދެއްވުމަކީ، އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމެއް ކަމަށެވެ. އަދި ރައީސް ވިދާޅުވީ އިއްޔެ އެ ޚިދްމަތް ދެއްވަން ފެއްޓެވީ އެ ރަށުގެ ބައެއް ގޭގެއަށް ކަމަށާއި ނަމަވެސް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ތިނަދޫގެ ހުރިހާ ގެއަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އަދި މިހާރު ހުރި ފެން ޕްލާންޓްގެ އިތުރުން، އެ ޚިދްމަތް މުޅި ރަށަށް ދެއްވުމަށްޓަކައި، އިތުރު ފެން ޕްލާންޓެއް ގެންނަވާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.
ތިނަދޫގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ތިނަދޫގައި ފާޚާނާހޮޅި އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަޤީންކަން ހައުސިންގް މިނިސްޓަރާއި އެންވަޔަރަންމަންޓް މިނިސްޓަރު އެމަނިކުފާނަށް ދެއްވާފައިވާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ތިނަދޫގެ ކުނި ނައްތާލުމުގެ ނިޒާމްގެ ބޭނުންކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.