15 Sep 2012, 10:30
ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެމެރިކާގެ ޔަހޫދީންތަކެއް އުފެއްދި ފިލްމް އިސްލާމިކް ފައުންޑެޝަން އޮފް ދަ މޯލްޑިވުސް އިން ކުށްވެރިކޮށްފި އެވެ.
އެފައުޑޭޝަނުން ނެރެފައިވާ ބަރާނެއްގައި ބުނެފައި ވަނީ ރަސޫލާގެ އަބުރުފުޅަށް ހަޑިކޮށް ފުރައްސާރަކޮށް ހެދުމަކީ އެއްވެސް މުސްލިމަކު ގަބޫލުކުރާކަމެއް ނޫން ކަމަށާއި އެކަލޭގެފާނަކީ އެންމެހާ މުސްލިމުންގެ ހިތްތަކުގައި ގަދަރު އުފުލިގެންވާ ބޭކަލެއް ކަމަށާއި އެހެންކަމުން ރަސުލާގެ އަބުރުފުޅު ހަޑިކުރުމަށް އެމެރިކާގެ ބަޔަކު ނެރުނު އެފިލްމު އެ ފައުންޑޭޝަނުން ކުށްވެރިކުރާ ކަމަށެވެ.
އިސްލާމިކް ފައުންޑޭޝަނުން އެފިލްމް ކުށްވެރިކޮށް ބަޔާނެއް ނެރެފައިވާ އިރު އިސްލާމިކް މިނިސްޓުރީން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އަދި އިއްޔެ ވަނީ އެ ފިލްމާ ދެކޮޅަށް މާލޭގައި މުޒާހަރާކޮށްފަ އެވެ. އަދި އެ މުޒާހަރާގައި އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޝެލް ޖޭ ސިސޯން އަށް ތަފާތު އިންޒާރުތައް ދިނުމަށް ފަހު އެމެރިކާގެ ދިދަ އަންދާލައިފައި ވެސްވެ އެވެ.
އިސްލާމް ދީނަކީ ނައްތާލަން ޖެހޭ ކަމަށް ސިފަކޮށް އެމެރިކާގެ ޔަހޫދީންތަކެއް ނެރެފައިވާ އެފިލްމުގައި ކީރިތި ރަސޫލާ އަށް ވެސް ވަރަށްބޮޑަށް ފުރައްސާރަކޮށްފަ އެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ ޢަޤީދާ ދުނިޔެ އިން ފުހެލުމަށާއި މުސްލިމުންނަކީ ނުރައްކާތެރި ބައެއް ކަމަށް ވެސް މިފިލްމުން ދައްކައިދެ އެވެ. އެ މިފިލްމު އުފެއްދި ޑައިރެކްޓަރަކީ އިސްރާއީލުގެ ހަރުކަށި ޔަހޫދީއެއް ކަމަށްވާ ސާމް ބަޒީލް ނަމަކަށް ކިޔާ މީހެކެވެ. މިފިލްމު އުފެއްދުމުގެ ފައިސާގެ އެހީދިން އެއް ފަރާތަކީ ކީރިތި ޤުރްއާނުގެ މުސްޙަފްގެ ކޮޕީތައް އެންދުމުގެ ނުބައި މުޑުދާރު ޢަމަލު ހިންގާފައިވާ އެމެރިކާގެ ހަރުކަށި ނަސާރާއެއް ކަމަށްވާ ޓެރީ ޖޯންޒް އެވެ.
އެފިލްމާ ގުޅިގެން މިހާރު ދުނިޔޭގެ މުސްލިމް ގައުމުތަކުގައި އެމެރިކާ އާ ދެކޮޅަށް ދަނީ ގިނަ ހަރަކާތްތަކެއް ވެސް ހިންގަމުނެވެ. އެގޮތުން އިއްޔެ ސޫދާނުގެ ވެރިރަށް ޚަރުތޫމުގައި ކުރި މުޒާހަރާގައި އެ ރަށުގައި ހުރި ޖަރުމަނުވިލާތުގެ އެމްބަސީއާއި އިނގިރޭސިވިލާތުގެ އެމްބަސީގައި ހުޅުޖަހާފައިވާ އިރު ލީބިޔާގެ ހަތިޔާރުއެޅި ޖަމާއަތަކުން ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ހަމަލާދީ ލިބިޔާގައި ހުންނަވާ އެމެރިކާގެ ސަފީރު ކްރިސްޓޮފާސްޓީވެންސް ވަނީ އަވަހާރަކޮށްލާފަ އެވެ. އަދި ޔަމަނުގައި ހުރި އެމެރިކާގެ އެމްބަސީ އަށް އެ ގައުމުގެ މުސްލިމުން ވަނީ ގެއްލުންދީ ހަދައިފަ އެވެ.