02 May 2026, 16:38

ރާއްޖޭގެ 10 ރަށެއްގައި ނޭޗާ ޕާކު ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ، ނޭޗާ ޕާކު ތަރައްގީކުރުމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ހުޅުވާލުމުން، ވަރަށް ގިނަ ރަށްރަށުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.
އެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބުނު 10 ރަށުގައި ނޭޗާ ޕާކު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށަފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން ނޭޗާ ޕާކު ތަރައްގީކުރަމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި:
ހއ. މޮޅަދޫ
- ހދ. ކުމުންދޫ
- ނ. ލަންދޫ
- ކ. ހުރާ
- އދ. އޮމަދޫ
- މ. ކޮޅުފުށި
- ތ. ކިނބިދޫ
- ލ. ގަން
- ގއ. ކޮނޑޭ
- ގދ. ފިޔޯރޯ

ފަތުރުވެރިންތަކެއް އައްޑޫ ނޭޗާ ޕާކުގައި -- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް
ނޭޗާ ޕާކު ތަރައްގީކުރާ ރަށްތަކުގެ ކައުންސިލާއި މިނިސްޓްރީން މަޝްވަރާކުރުމަށްފަހު، އެ ތަންތަނުގެ ކޮންސެޕްޓާއި ސްކޯޕް ކަނޑައެޅިފައިވާ ކަމަށާއި މިހާރު ކައުންސިލްތަކާއެކު ގްރާންޓް އެގްރިމެންޓުގައި ސޮއިކުރުމުގެ މަސައްކަތް މިސްޓްރީއިން ކުރަމުންދާކަމަށް ޕީއެސްއެމްއިން ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނޭޗާ ޕާކުތައް ތަރައްގީކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ނޭޗާ ޕާކު ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެކަމަށް ޝައުގުވެރިކަން ހުރި ރަށްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
މިހާރުވެސް ރާއްޖޭގެ ބޮޑު ދެ ސިޓީކަމަށްވާ އައްޑޫ ސިޓީއައި ފުވައްމުލަކު ސިޓީގައި ނޭޗާ ޕާކު ވަނީ ގާއިމްކޮށްފައެވެ.