15 Sep 2012, 10:17
އިސްލާމްދީނަށާއި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސަައްލަމައަށް ފުރައްސާރަކޮށްގެން އެމެރިކާގެ ޔަހޫދީއަކު އުފެއްދި ފިލްމާއި އެ ފިލްމާ ގުޅިގެން އިސްލާމީ ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު އދ.ގެ ހިއުމަންރައިޓްސް ހައިކޮމިޝަނަރު ނަވަނެތަމް ޕިއްލޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އދ. ގެ ހިއުމަަންރައިޓްސް ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރުޅިއެރުވުމަށް އުފައްދާފައިވާ ނުރައްކާތެރި ފިލްމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް ހުއްޓުވައި، ހަމަޖެހުން ގެނައުމަށް ދީނީ އަދި ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްްވުމަށް ޕިއްލޭ ގޮވާލައްވާ ކަމަށެވެ.
"އެފިލްމަކީ ގެއްލުން ދިނުމަށާއި ގަސްދުގައި މީހުން ރުޅިއެރުވުމަށް ހަދާފައިވާ ފިލްމެއް، އަދި ވަރަށް ނުބައިކޮށް، މުސްލިމުންގެ ތަސައްވުރު އެ ފިލްމުގައި ވަނީ ހުތުރުކޮށްފައި، އެކަމާ ދެކޮޅަށް މީހުން ވަރުގަދައަށް މުޒާހަރާ ކުރަން ބޭނުންވާ ސަބަބު އަޅުގަނޑަށް ރަނގަޅަށް ވިސްނޭ، އެހެން ނަމަވެސް ބެންގާޒީގައި ހިންގި މެރުމުގެ ހާދިސާއާއި ފިލްމާ ގުޅިގެން ކުރި ގެއްލުންދެނިވި އެހެން ކަންތައްތައް އަޅުގަނޑު ކުށްވެރިކުރަން،" ޕިއްލޭ ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
ޕިއްލޭ ފާހަގަކުރައްވާފައިވާ ގޮތުގައި މިއީ ވަކި ދީނެއްގެ ބަޔަކު ރުޅިއެރުވުމަށް ކުރަމުންދާ މިފަދަ ކަންތައްތަކަށް އިތުރުވި ބޮޅެކެވެ. އަދި އެފަދަ ކަންތައްތައް ތަކުގެ ސަބަބުން މީހުން މެރުމުގެ ހާދިސާތައް ކުރިން ވެސް ވަނީ ހިނގާފަ އެވެ.
"މިފަދަ ކަންތައްތަކުގައި އެންމެ ރަނގަޅު ގޮތަކީ އަޅާ ނުލުން، ގަސްދުގައި ކުރާ މިފަދަ ހަޑި ހުތުރު ކަންތައްތަކަށް މަޝްހޫރުކަން ލިބުމުން މަހުރޫމް ކުރަން ޖެހޭނެ،" ޕިއްލޭ ވިދާޅުވެފައިވެ އެވެ.