15 Sep 2012, 10:14
ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކުރުމަށް އެމެރިކާ މީހަކު އުފެއްދި ފިލްމުގެ ޓްރެއިލާ ޔޫޓިއުބްގައި އިތުރަށް ބޭންދުމާ މެދު އަލުން ވިސްނުމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން އެދުމުން ގޫގުލް އިން އެކަމާ ދެކޮޅުހަދައިފި އެވެ.
ގޫގުލް އިން ބުނެގައި ވަނީ އެފިލްމު ނުބެލޭ ގޮތް އެކުންފުނިން ހަދާނީ ސިޔާސީ ޕްރެޝަރަށް ބަލައިގެން ނޫން ކަމަށާއި އެ ގައުމެއްގެ ގާނޫނަށް ބަލައިގެން ކަމަށެވެ. އެގޮތުން އެ ފިލްމަކީ ޣައިރުގާނޫނީ އެއްޗަކަށް ހަދާ ގައުމުތަކަށް އެފިލްމު ނުފެންނަ ގޮތް ހަދަމުންދާ ކަމަށާއި އެގޮތުން މިސްރާއި ލީބިޔާ އިންޑި އާއާއި އިންޑޮނޭޝިއާއަށް މިހާރު އެފިލްމު ނުފެންނަ ގޮތް ހަދާފައިވާ ކަމަށް ވެސް ގޫގުލް އިން ބުންޏެވެ.
"އެ( ފިލްމު) އެއީ ޣައިރުގާނޫނީ އެއްޗެއް ކަމަށް ހަދާފައިވާ ގައުމުތަކުން އެފިލްމު ނުބެލޭނެ ގޮތް އަހަރެމެން ވާނީ ހަދާފައި. އެގޮތުން މިސްރާއި ލީބިޔާ އާއި އިންޑޮނޭޝިއާ އާއި އިންޑިއާ ފަދަ ގައުމުތަކުގައި އެ ނުބެލޭނެ ގޮތް ވާނީ ހަދާފައި." ގޫގުލް އިން ބުނެފައިވެ އެވެ.
ފިލްމު އުފެއްދީ އެމެރިކާގައި ދިރިއުޅޭ މިސްރުގެ ކޮޕްޓިކް ކްރިސްޓިއަނެއް ކަމަށްވާ އުމުރުން 55 އަހަރުގެ ނަކޫލާ ބާސްލޭ ނަކޫލާ ނަކަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާ އަކީ ފައިސާގެ މައްސަލަތަކެއްގައި 21 އަހަރަށް ޖަލަށް ލާފައި ހުއްޓައި ޕްރޮބޭޝަންއެއްގައި ވަގުތީ ގޮތުން ދޫކޮށްލާފައި ހުރި މީހެއްކަން މިހާރު ވަނީ އެނގިފަ އެވެ. އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅޭ އެމީހާ ވަނީ އޭނާ ޖަލުން މިނިވަން ކުރި އިރު ކޮށްފައިވާ ޝަރުތުތަކާ ހިލާފުވެފައި ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
ފިލްމާ މެދު އުފެދުނު ރުޅިވެރި ކަމުގައި އިއްޔެ އާއި ރޭވެސް އެކިއެކި އިސްލާމީ ގައުމުތަކުގައި ބޮޑެތި މުޒާހަރާތައް ކޮށް، އެގައުމުތަކުގައިވާ އެމެރިކާގެ އެމްބަސީތަކަށް ވަނީ ގެއްލުންތައް ދީފަ އެވެ.
ފިލްމާ ދެކޮޅުހެދުމުގެ ގޮތުން ކުރި ފުރަތަމަ މުޒާހަރާތަކުގެ ތެރެއިން ލީބިއާގެ ބެންގާޒީގައި ކުރި މުޒާހަރާގައި އެރަށުގައި ހުރި އެމެރިކާގެ ކޮންސިއުލޭޓަށް ހަމަލާދީ އެތަނުގައި ހުންނެވި އެމެރިކާގެ އެމްބެެސެޑަރު ކްރިސްޓޮފާ ސްޓީވެންސް ވަނީ އަވަހާރަކޮށްލާފަ އެވެ. އެ ހާދިސާގައި އެމެރިކާގެ އެހެން ބައެއް ރައްޔިތުން ވެސް މަރުވި އެވެ.