04 Sep 2010, 19:44
00:45
މަޝްހޫރު ގާރީ ހުސެން ތައުފީގު ގިނަ އަދަދެއްގެ ކުޑަކުދިންތަކަކާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ ފަރާތުންނާއި ތައުފީގުގެ ފަރާތުން އެއް ގާނޫނީ ވަކީލަކު ތަހުގީގަށް ވަޑައިގަންނަވާ މައްސަލަ ބަލައިދެއްވުމަށް އެދި ފުލުހުން ޖިނާއީ ކޯޓަށް ހުށަހަޅައިފި އެވެ.
ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރޭ ވިދާޅުވީ ހުސައިން ތައުފީގުގެ މައްސަލައިގައި ތައުފީގުގެ ފަރާތުންނާއި އޭނާ ބެހުނު ކަމަށް ބުނާ ކުޑަކުއްޖެއްގެ ފަރާތުން ވެސް ވަކީލެއްގެ ގޮތުގައި ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވަޑައިގަންނަވާ ކަމަށް ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ބައްލަވަމުންގެންދަވާ ކަމަށެވެ.
"ފުލުހުން މިކޯޓަށް ހުށަހަޅައިފައި އެބައޮތް އެ މަސައްލައިގައި ދެ ފަރާތުން ވެސް އަންނަނީ އެއް ވަކީލެއް ކަމަށް. އެއީ ވަކީލުންގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި މި ބަލަނީ،" އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ މައްސަލައެއްގައި ހިމެނޭ ދެ ފަރާތުން އެއް ވަކީލަކު ވަޑައިގަތުމުން ހެކިބަސް ގެއްލިގެންދާ ކަމަށާއި ޖިނާއީ އަދުލު ގާއިމު ކުރުމަށް ވަރަށް ބޮޑު ހުރަސްތަކާ ދިމާވާ ކަމަށެވެ.
"މިއީ ފަހަކަސް އައިސް ވަރަށް ގިނަ ވަކީލުން ކިބައިން ފާހަގަކުރެވޭ މައްސަލައެއް. އެފަދަ ރިޕޯޓްތައް ކޯޓާ ހަމައަށް އެބައާދޭ، މި ގޮތަށް މިކަން ދަންޏާ ތަހުގީގު ނިމިގެން ޝަރީއަތަށް އަންނައިރު މައްސަލަ ސާބިތު ކުރަން ހުރަސްއެޅޭ،" އިސް ގާޒީ ވިދާޅުވި އެވެ.
ނަމަވެސް ތައުފީގުގެ ގާނޫނީ ވަކީލެއްގެ ގޮތުން ވަޑައިގަންނަވާ ޒުވާން ވަކީލު އަބްދުﷲ ޝިޔާޒު ރޭ ވިދާޅުވީ ފުލުހުން ބުނާ ގޮތަށް ކުޑަ ކުއްޖެއްގެ މައްސަލައިގައި މިހާތަނަށް އަދި ވަޑައިގެންފައިނުވާނެ ކަމަށާއި ތައުފީގުގެ މައްސަލައިގައި ވެސް ކުޑަކުއްޖެއްގެ ފަރާތުން ވަޑައިގެންފައިނުވާނެ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ ތައުފީގުގެ ގޭގައި އުޅޭ 18 އަހަރުވެފައިވާ އަންހެން ކުއްޖަކު ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން އޭނާ އެކަމަށް އިންކާރުކޮށްފައި ވަނިކޮށް ހައްޔަރު ކޮށްގެން ހާޒިރު ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާތީ އެ އަންހެން ކުއްޖާގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންފައިވާނެ ކަމަށެވެ.
"އޭނާގެ (އަންހެން ކުއްޖާގެ) ވަކީލެއްގެ ގޮތުން ހާޒިރުވިއިރުވެސް އެއީ ތައުފީގާ ދެކޮޅަށް ހާޒިރުކުރި ކުއްޖެއް ކަމަކަށް އަންގާފައެއްނުވޭ. ހާޒިރުކުރި އަންހެނަކީ ވެސް ތައުފީގާ ދެކޮޅަށް ބަޔާނެއް ދޭން ބޭނުންވާ މީހެއް ނޫން. އެފަދަ ބަޔާނެއް ދީފައެއް ވެސް ނުވޭ. އެހެންކަމުން މި މައްސަލައިގައި ކޮންފިލްކްޓެއް އުފެދޭ ކަމަކަށް ގަބޫލެއް ނުކުރަން،" ޝިޔާޒް ވިދާޅުވި އެވެ. "މިވާހަކަތައް ތައުފީގުގެ މުއްދަތު އިތުރުކުރި މަޖިލީހަށް ވާނީ ދަންނަވައިފައި، އޭގައި މައްސަލެއް ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި."
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން ކުއްޖެއްގެ ގައިގައި އަތްލައިފި ނަމަ ނުވަތަ އެފަދަ އަމަލެއްގައި ކުއްޖަކު ބައިވެރިކޮށްފި ނަމަ އެއީ ކުށެއް ކަމަށާއި އެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށެވެ. އަދި ބުނަނީ ކުޑަކުއްޖަކު އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށެވެ.