ކާބުލް (ސެޕްޓެމްބަރ 15): އަފްޣާނިސްތާނުގައި ހިނގަމުންދާ ނޭޓޯގެ ހަނގުރާމައިގާ ބައިވެރިވެވަޑައިގަންނަވާ އިނގިރޭސި ރާނީ އެލިޒަބަތް 2 ގެ މާމަދަރިކަލުން ޕްރިންސް ހެރީ ހުންނެވި ޢަސްކަރީ ބޭހަށް ތާލިބާނުން ވަރުގަދަ ޙަމަލާތަކެއްދީ އެމެރިކާ ސިފައިންގެ ދެ މީހަކު މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި ތާލިބާނުން ޙަމަލާދިނީ ހެލްމަންޑް ސްޓޭޓްގައި ހުންނަ އެމެރިކާގެ ޢަސްކަރީ ބޭހެއްކަމަށްވާ ކޭމްޕް ޕެސްޓިޔޮން އަށެވެ. ރޮކެޓުންނާއި އޮޓަމެޓިކް ހަތިޔާރުންނާއި ތާލިބާނުން މިކޭޕްގެ އެންމެ ފުނަށް ޙަމަލާދިން ކަމަށާ މިގޮތަށް ޙަމަލާދެވުނީ މި ބޭހުގެ ވަށައިގެންވާ ސަލާމަތީ ފާރު ފޫއަޅުވާލުމަށް ފަހު ކޭމްޕް ގޯތިތެރެއަށް ވަދެގެން ކަމަށް ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ ޢަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވި އެވެ.

މިހަމަލާގައި އެމެރިކާ ސިފައިންގެ ދެ މީހުން މަރުވެ ފަސްމީހަކު ޒަޚަމްވި ނަމަވެސް އިނގިރޭސި ރާނީގެ މާމަދަރިކަލުން ޕްރިންސް ހެރީ އަށް ގެއްލުމެއް ލިބިވަޑައިނުގަންނަވާ ކަމަށް ނޭޓޯގެ ތަރްޖަމާން މާޓިން ކްރައިޓޮން ވިދާޅުވި އެވެ. ތާލިބާނުންމިޙަމަލާ ދިނީ މި ކޭމްޕްގައި ޕްރިންސް ހެރީ ހުންނެވިކަން އެނިގެންކަން ނުވަތަ ނޫންކަން ސާފުކުރުމަށް ތަޙްޤީޤެއްކުރަން ހަމަޖެހިފައިވާ ކަމަށް ކްރައިޓޮން ވިދާޅުވި އެވެ.

މި ކޭމްޕްގައި ޕްރިންސް ހެރީ ހުންނެވި ކަމުގެ އެމީހުންގެ ޖާސޫސީ ވިޔުގަ މެދުވެރިކޮށް ތާލިބާނުން ހޯދި ނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ކްރައިޓޮން ވިދާޅުވި އެވެ. ތާލިބާނުން ވަނީ ޕްރިންސް ހެރީ އަފްޣާނިސްތާނުގައި އުޅުއްވަނިކޮށް އޭނާ ވަގަށް ނެގުން ނޫނީ އޭނާ އަވަހާރަކޮށްލުމަކީ އެޖަމާއަތުގެ އިސް ލަނޑުދަނޑުއެއްކަމަށް ބުނެފަ އެވެ. މިގޮތުން ހެރީ އޮޕަރޭޝަންގެ ނަމުގައި ތާލިބާނުން ޢަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ޚަބަރުލިބެ އެވެ. (ރޮއިޓާސް)