ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން "މޭޑޭ ރެލީ" ބާއްވައިފި
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން "މޭޑޭ ރެލީ" ބާއްވައިފި

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މާލޭގައި ޚާއްޞަ ހިނގާލުމެއް ބާއްވައިފިއެވެ.

ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި "މޭޑޭ ރެލީ" ފަށާފައި ވަނީ މިއަދު ހަވީރު 16:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.

މި ހިނގާލުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހިމެނިވަޑައިގަންނަވައެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގެ މަގުތަކުގައި ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ހިނގާލުމުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ "ރާއްޖޭގެ މައިބަދައަކީ މަސައްކަތްތެރިން" ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމާއި ދިވެހިންނަށް ރައްކާތެރި މަސައްކަތުގެ މާޙައުލެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި، މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ވަޒީރު ހީނާ ވަލީދު ވިދާޅުވީ ކޮންމެ ދާއިރާއަކުން ޤައުމަށް ޚިދުމަތްކުރާ ކޮންމެ މީހެއްގެ މަސައްކަތަކީ އަގުނުކުރެވޭނެ ޚިދުމަތެއް ކަމަށާއި، މަސައްކަތްތެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

މި ހިނގާލުމުގެ ބައިވެރިން ވަނީ މަސައްކަތްތެރިންގެ އަސާސީ ޙައްޤުތަކާއި ޚިދުމަތްތައް ސަރުކާރުން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްފައެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ.