ވިޔަފާރިތަކަށް އެތައް މިލިއަން ރުފިޔާއެއް ދައްކަމުން ދަނީ މަސައްކަތްތެރިންގެ ކުރިއެރުމަށް: ސައީދު
ވިޔަފާރިތަކަށް އެތައް މިލިއަން ރުފިޔާއެއް ދައްކަމުން ދަނީ މަސައްކަތްތެރިންގެ ކުރިއެރުމަށް: ސައީދު

ވިޔަފާރިތަކަށް ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ދައްކަމުން އަންނަ ކަމަށާއި އެކަން ކޮށްދެނީ މަސައްކަތްތެރިންގެ ކުރިއެރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ފޮނުއްވައި، މިނިސްޓަރު ވިދާޅުވީ، މަސައްކަތްތެރިންގެ އަގުވަޒަންކޮށް، މަސައްކަތްތަކަށް ގިނަ ބަޔަކު އަހުލުވެރި ކުރުމަކީ ޤައުމުގެ އިޤްތިޞާދުގެ ވިލުންތެރިކަން ދެމެހެއްޓުމުގައި މުހިންމު ކަމެއް ކަމަށެވެ.

ޚާއްސަކޮށް ހުނަރާއި ފަންނުވެރިކަމާއި އެފަންނަކުން އުނގެނި ތިބި އާބާދީއެއް އޮތުން ވާނީ ލިބިފައިވާ ނަސީބަކަށް ކަމަށް ސައީދު ވިދާޅުވިއެވެ.

އެގޮތުން، މި ސަރުކާރުން ފަށާފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ޒަމާންވީ ސިނާއަތްތަކުގައި ޝާމިލްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައި ހުރި ޒަމާންވީ އެތައް މައްސަލައެއް ޙައްލުކުރުމަށް މި ސަރުކާރުން ފައްޓަވާފައިވާ ކަންކަމަކީ ރާއްޖޭގެ ކުރިމަގަށް އެޅިފައިވާ ހަރުދަނާ ބިންގާތަކެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވިއެވެ.

ރައީސާއި މިނިސްޓަރު ސައީދު: ވިދާޅުވީ، ވިޔަފާރިތަކަށް އެތައް މިލިއަން ރުފިޔާއެއް ދައްކަމުން ދަނީ މަސައްކަތްތެރިންގެ ކުރިއެރުމަށް ކަމަށް -- ފޮޓޯ/ ބީސީސީ

މިނިސްޓަރު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ނުލިބިވާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައްކައި، މިހާރު ވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައްކަމުން އަންނަ ކަމަށެވެ. އެއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވާރުތަވި ބޮޑެތި އެތައް މައްސަލައަކަށް ހޯދިފައިވާ ކާމިޔާބެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި، އެ ކަންކަން ގުޅެނީ މަސައްކަތްތެރިންގެ ކުރިއެރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު އިތުރަށް ފާހަގަކުރެއްވި ކަންކަން:

  • ފޮރިން އިންވެސްޓް ގާނޫނާއެކު، ދިވެހީންނަށް އެތައް ވިޔަފާރިއެއް ޚާއްސަވެފައިވުން

  • އިގުތިޞާދު ޑައިވާސިފައި ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަން
  • އެސްއީޒެޑުގެ ގާނޫނު ތަންފީޒުކޮށް، ސަސްޓެއިނަބަލް ޓައުންޝިޕުގެ މަސައްކަތް ފެށިފައިވުން
  • ޕާލް ވިސާގެ މަސައްކަތް ކުރިއަށްދާކަން
  • އަލިޕޭ، ރުޕޭ ކާޑުގެ ޚިދުމަތް ފަހިވެފައިވުން
  • ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ވަރަށް އަވަހަށް ލިބޭނެކަން

ސައީދު އެފަދައިން ވިދާޅުވިއިރު، ގިނަ ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރަށް ކޮށްދީފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމެވެ. މިދިޔަ މަހުގެ 17ވަނަ ދުވަހު ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވެސް އެތައް ވިޔަފާރިވެރިއަކު އެ ކަންބޮޑުވުން ހިއްސާކުރިއެވެ.

ސަރުކާރުން ނުދައްކައިހުރި ފައިސާގެ ތެރޭ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް ވެސް ހިމެނެއެވެ. އެ ވިޔަފާރިވެރިން ވަނީ ލިބެންޖެހޭ ފައިސާއާއި އެ ވިޔަފާރިވެރިން ދައްކަންޖެހޭ ޓެކުހާ ލައިގެން ނަމަވެސް އެ މައްސަލަ ހައްލުކޮށްދޭން އެދިފައެވެ.