މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަން ވެރިޔާގެ ސައިކަލުގައި ރޯކޮށްލުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެ ސައިކަލުގައި ރޯކޮށްލާފައި ވަނީ، ފޯކައިދޫގައި އޭނާ ދިރިއުޅޭ ގެ ކައިރި ބަހައްޓާފައި ހުއްޓައި، މިދިޔަ ހޯމަ ދުވަހުގެ ރެއެވެ.

ފޭސްބުކްގައި ދައުރުވާ ފޮޓޯއާއި ވީޑިއޯއަކުން ފެންނަ ގޮތުގައި، އެއާބްލޭޑް އެ ސައިކަލު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

މި މައްސަލައިގައި ފުލުހުން މިއަދު ނެރުނު ބަޔާނުގައި ތަހުގީގަށް ލިބުނު މައުލޫމާތަކާ ހަވާލާދީ ބުނީ، މިއީ އެ ފުލުހަށް އަމާޒުކޮށް ގަސްތުގައިވާ ހިންގާފައިވާ އަމަލެއް ކަމަށެވެ.

އެހެންވެ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، މި ކަން ކުރި މީހުން ހޯދައިގެން ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ، ގާނޫނު ތަންފީޒު ކުރާ މުވައްޒަފުންނަށް އަމާޒުކޮށް 'ބިރުދެއްކުމަށް' ހިންގާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިއީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފައެވެ.

ކުށްކުރާ ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރުދެއްކުމަށް ހިންގާ މިފަދަ އަމަލިތަކުގެ ސަބަބުން ގާނޫނޫ ތަންފީޒުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެފުލުހުން

އޭގެއިތުރަށް، ފުލުހުންނަށް އަނިޔާކުރުމާއި ބަދަލުހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާމެދު، ފަސްޖެހުމެއް ނެތި ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ. އަދި، ގާނޫނު ނަގަހައްޓައި، ފުލުހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އަމާންކަން ގާއިމުކުރުމުގައި ދެމިތިބޭނެކަން ފުލުހުން ފާހަގަކުރިއެވެ.

ފޯކައިދޫ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ބަލާއިރު، މީގެކުރިން ވެސް ފުލުހުންގެ ސައިކަލުތަކުގައި ރޯކޮށްފައި އެބަހުއްޓެވެ.