15 Sep 2012, 09:25
މިއަހަރު އަށް މަސް ދުވަސް ފާއިތުވެފައިވާ އިރު، ދައުލަތުން ކުރި ހަރަދު އާމްދަނީ އަށް ވުރެ 31 ޕަސެންޓް ބޮޑުވެ ދައުލަތުގެ ހަރަދު އަށް ބިލިއަނަށް ވުރެ ބޮޑުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ވެސް އާންމު ކުރާ ދައުލަތުގެ އާމުދަނީ އާއި ހަރަދުގެ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ވަނީ 8.7 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ނަމަވެސް ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6.6 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ހަރަދުތަކުގެ ތަފްސީލުތަކަށް ބަލާއިރު ދައުލަތުން އެންމެ ބޮޑު ހަރަދެއް އަބަދުވެސް ކުރަން ޖެހޭ ރިކަރަންޓް ހަރަދަށް، ވަނީ 6.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ. އަދި ލޯނުދައްކާ ހަލާސްކުރުމަށާއި ލޯނު ދޫކުރުމަށް ވަނީ 1.4 ބިލިއަން ރުފިޔާވެސް ވަނީ ހަރަދުކޮށްފަ އެވެ. އެއީ 2.1 ބިލިއަން ރުފިޔާގެ ޑެފިސިޓަށް ޖެހޭ ވަރުގެ އަދަދެކެވެ.
ރިކަރަންޓް ހަރަދުތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ މުވައްޒިފުންގެ މުސާރަ އާއި އެލަވަންސްތަކަށެވެ. އެގޮތުން މުވައްޒިފުންނަށް ޖުމްލަ ކުރި ހަރަދު 3.2 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އަދި ދައުލަތުގެ އޮފީސްތައް ހިންގުމުގެ ޖުމްލަ ހަރަދަށް ވެސް 2.95 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ދަތުރުފަތުރު ކުރުމުގެ ހަރަދުގެ ގޮތުގައި ވެސް 71.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ވަކިވަކި އޮފީސްތަކުން ހަރަދުކޮށްފައިވާ ގޮތަށް ބަލާ އިރު މިވީ މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް ވަނީ 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގި ހެލްތު މިނިސްޓްރީން ވަނީ 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ވެސް 2.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެއާ އެކު ސަރުކާރުން މިހާރު ވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ ބަޖެޓުން 15 ޕަސެންޓް އުނިކޮށްފަ އެވެ.