ހދ. ކުޅުދުއްފުށީ ގެއެއްގައި އަލިފާން ރޯވެ އެގޭގެ ބައެއް އަނދައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލް މެންބަރު ފާރޫގު މުހައްމަދު މިރޭ ވިދާޅުވީ 10:20 އެހާކަންހާއިރު ރޯވެފައި ވަނީ އެރަށު އުތުރު އަވަށުގައި ހުންނަ "ކަނޑި" ނަމަކަށް ކިޔާ ގޭގައި މުދަލާއި ލަކުޑި ރައްކާކުރަން ހަދާފައި ހުރި ތަނެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ލަކުޑި ރައްކާކުރަން ހަދާފައި ހުރި ތަން ބޭނުންނުކުރެވޭ ވަރަށް އަނދާފައި ވީނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ގޭގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މިރޭ 10:34 އެހާކަންހާއިރު ފުލުހުންނާއި ސިފައިން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެގެއަކީ ބިދޭސީން ދިރިއުޅޭ ގެއެއްކަމަށް އެނގިފައިވާ ކަމަށާއި އަލިފާން ރޯވާން ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.