މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް، ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަން ކުރެއްވި މުޙައްމަދު އަނަސް މިއަދު އައްޔަންކޮށްފިއެވެ.

ޕީސީބީއިން ބުނި ގޮތުގައި، މިފްކޯގެ ހިންގުމާ މިއަދުން ފެށިގެން އަނަސް ވަނީ ހަވާލުވެވަޑައިގެންފައެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަނަސް ހުންނެވީ ޕީސީބީގެ ރައީސްގެ މަގާމުގައެވެ.

އެ މަގާމުގައި ހުންނެވިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބަލައި މޮނިޓަރކުރުމުގެ އިސް ޒިންމާތައް އޭނާ ވަނީ އުފުއްލަވާފައެވެ.
އަނަސް އަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި، އަދި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ތަޖުރިބާކާރު، މާލީ އަދި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ފަންނީ ބޭފުޅެއްކަމަށް ޕީސީބީން ބުންޏެވެ.

މީގެ ކުރިން އަނަސް ވަނީ ސަރުކާރުގެ އިސް އެކި މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވިއެވެ. އެ މަގާމުގައި އެ ވުޒާރާގެ ޑެބްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް އިސްކޮށް ހިންގަވައި، ގައުމީ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި ރިސްކް މެނޭޖްމަންޓް އޮނިގަނޑުތައް އެކުލަވައިލުމުގައި މުހިންމު ދައުރެއް ވަނީ އަދާކުރައްވާފައެވެ.

މީގެ އިތުރުން، ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ސްޓްރެޓެޖީތައް ފަރުމާކުރުމާއި، ދަރަންޏާ ގުޅޭ ބުލެޓިންތައް ތައްޔާރުކުރުމާއި، އަދި ރާއްޖެއިން ސޮވެރިން ބޮންޑު ދޫކުރުމުގެ މަސައްކަތްތަކުގައި ވެސް އަނަސް ވަނީ އިސްކޮށް ބައިވެރިވެވަޑައިގެންފައެވެ.

މިފްކޯގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު އައްޔަން މިކުރެވުނީ، އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަނަސްގެ ކުރިން މި މަގާމުގައި ހުންނެވީ ފަރުހަތު ޝަހީރެވެ. އޭނާ މިއަދު އިސްތިއުފާ ދެއްވީ މި މަހުގެ 12ވަނަ ދުވަހެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ފަރުހަތު އައްޔަންކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އޭގެ ކުރިން ހުންނެވީ ސްވިޒަލޭންޑަށް ނިސްބަތްވާ ޑރ. ލިއުބިމޮވްއެވެ. އޭނާ އެ ކުންފުންޏަށް ބޭރުގެ ސީއީއޯއަކު ހޯދަން ސަރުކާރުން ބޭނުންވުމުންނެވެ.

ބޭރު ސީއީއޯގެ ކުރިން އެ މަގާމުގައި ހުރީ، މި ސަރުކާރުގައި ދެ ފަހަރަކު މަގާމުން ވަކިކުރި އަހުމަދު ޝަމާހުއެވެ.