އެމެރިކާގެ ޔުނިވަސިޓީ އޮފް ޓެކްސަސްގައި ބޮމެއް އޮތް ކަމުގެ ބިރު އުފެދި، އެ ޔުނިވަސިޓީގެ ހުރިހާ އިމާރާތަކުން މީހުން ހުސްކޮށްފި އެވެ.

އެމެރިކާގެ މަޝްހޫރު ނިއުސް އެޖެންސީ ސީއެންއެން އިން ބުނީ ޓެކްސަސް ޔުނިވަސިޓީގައި ބޮމެއް އޮތް ކަމުގެ ބިރު އުފެދިގެން އެ ޔުނިވަސިޓީގެ އިމާރާތުން މީހުން ހުސްކޮށްފައިވާ ކަމަށް ޔުނިވަސިޓީ ފުުލުހުން ބުނި ކަމަށެވެ.

ސީއެންއެންއާ އެފިލިއޭޓް ނޫޙެއް ކަމަށްވާ ކޭއެކްސްއޭ އެންއަށް މައުލޫމާތު ދެމުން ޔުނިވަސިޓީ ފުލުހުންގެ ތަރުޖަމާނަކު ބުނި ކަމަށް އެ އެޖެންސީން ބުނީ އަލްގައިދާއާ ގުޅިފައިވާ ކަމަށް ބުނާ މީހަކު ޔުނިސިޓީއަށް ފޯނު ކޮށްފައި މުޅި ޔުނިވަސިޓީގައި ބޮން ހަރުކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބުނީ އެ މީހަކު ޔުނިވަސިޓީއަށް ގުޅާފައި ވަނީ އެމެރިކާ ގަޑިން މިއަދު ހެނދުނު ގާތްގަނޑަކަށް 10.00 ހާއިރު ކަަމަށެވެ.

ފޯންކޯލާ ގުޅިގެން ޓެކްސަސް ޔުނިވަސިޓީގެ ވެބްސައިޓްގައި އިމަޖެންސީ އެލާޓެއް ވަނީ ޝާއިއުކޮށްފަ އެވެ. އެ އެލާޓްގައި ވަނީ "ވީހާ އަވަހަކަށް ޔުނިވަސިޓީގެ އިމާރާތް ދޫކޮށް، ވީހާ ދުރަކަށް ދިއުމަށް" އަންގާފަ އެވެ.

ބޮން ހަރުކޮށްފައިވާ ކަމުގެ ބިރު އުފެދިފައިވާ ކެމްޕަސް އަކީ 51000 ދަރިވަރުން ކިޔަވަމުން އަންނަ ކެމްޕަސް އެކެވެ. އެތަން ހުންނަނީ ޓެކްސަސްގެ މެދުތެރޭގަ އެވެ.