ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކުރިއަށްދިޔަ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި، އިދިކޮޅު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެންބަރުންގެ ތެރެއިން ގިނަ މެމްބަރުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުންދޭން ވޯޓުދިނުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެމްޑީޕީން މިހާތަނަށް އެންމެ ގިނައިން ތުހުމަތުތައް ކޮށް, އެންމެ ގިނައިން ފާޑު ކިޔާފައިވާ އެއް ވަޒީރަކީ އިހުސާނެވެ.

ނަމަވެސް އިއްޔެ ރުހުން ދިނުމުގެ ވޯޓްގައި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރުންގެ ތެރެއިން އިހުސާނަށް ނޫނެކޭ ބުނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ.

އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިމް ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

އެހެން މެންބަރުން އިހުސާނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދެއްވިއެވެ.

އެ މެންބަރުންނަކީ:

  • ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު

  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ
  • ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
  • ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
  • ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
  • މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު
  • މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

އެމްޑީޕީ ޕީޖީ ގުރޫޕުގެ ހުރިހާ މެންބަރުން ރުހުން ނުދޭން ވޯޓު ދިނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފަށެވެ.

މިކަމުގައި އެމްޑީޕީގެ އެތެރެއިން އެންމެ ބޮޑަށް އެ މެންބަރުންނަށް ފާޑުކިޔުން އަމާޒުވެފައިވަނީ އިހުސާނަށް ރުހުން ދޭން ބައެއް މެންބަރުން ވޯޓް ދެއްވީމައެވެ.

އިހުސާނަށް ރުހުން އޮތް ކަމަށް އެމްޑީޕީގެ މަޖިލިސް އަށް މެންބަރުން އިއްޔެ ވޯޓް ދެއްވިއިރު އެމްޑީޕީން ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެތެރޭގައި އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ.

އިހުސާންގެ މި މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑާޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ވަގު ފޯމު ހުށަހެޅިކަމަށް ބުނާ މައްސަލައިގައިއެވެ.

މީގެ އިތުރުން ވެސް އެމްޑީޕީން ވަނީ އިހުސާންގެ މައްޗަށް ގިނަ ތުހުމަތުތަކެއް މީގެ ކުރިން ކޮށްފައެވެ. އޭގެ ތެރޭގައި، ބިދޭސީންގެ ކަންކަން ބަލަހައްޓަން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ޕްރޮޖެކްޓް ހަވާލުކުރި ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުންގެ ތަހުގީގުތަކަށް އިހުސާން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރުމުގެ އިތުރުން ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި، ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއަޅާކަމަށް ވެސް މީގެ ކުރިން އެމްޑީޕީން ތުހުމަތު ކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް އިހުސާނަށް އެތަކެއް ތުހުމަތުތަކެއް އެމްޑީޕީން އަމާޒުކުރިއެެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައާއި ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ވެސް އިހުސާނަށް އެމްޑީޕީން ތުހުމަތުތައް ކުރިއެވެ.

މީގެ އިތުރުން ސުލްހަވެރި މުޒާހަރާތަކުގެ ބައިވެރިންނަށް ފުލުހުން ހުރަސްއަޅައި ހިންގާފައިވާ ކަމަށް ބުނާ އަނިޔާވެރި އަމަލުތަކާއި، ނޫސްވެރިންނަށް އަމާޒުކޮށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކާ ގުޅުވައިގެން ވެސް އެމްޑީޕީން އިހުސާނަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ. މީގެ އިތުރުން އަނިޔާލިބޭ ފަރާތްތަކުގެ ސިއްރު މައުލޫމާތު ތަކުރާރުކޮށް އާންމުކުރުމާއި ކަންކަން ފޮރުވުމުގައި އިހުސާންގެ ސީދާ ދައުރު ބޮޑުކަމަށް ވެސް އެމްޑީޕީ މެމްބަރުން ވަނީ ތުހުމަތުކޮށްފައިއެވެ.

އެ ކަންކަން އެހެން އޮއްވައި އެމްޑީޕީން އިހުސާނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ދަނީ ބުނަމުންނެވެ.

އެގޮތުން ކުރިން ގަލޮޅު އުތުރު ދާއިރާގެ މެންބަރުކަން ކުރެއްވި, މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވިގޮތުގައި އެމްޑީޕީގެ މެންބަރުންނާއި، އެ ޕާޓީގެ ގައުމީ މަޖިލީހާއި، ދާއިރާތަކުގެ ރައްޔިތުންނަށް، މިކަމުގެ ތަފްސީލު މެންބަރުން ދޭން ޖެހެއެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ އެމްޑީޕީ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މި ސަރުކާރުގެ އެންމެ "ހަޑިހާވާ" މިނިސްޓަރަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަނާއި ޕީޖީ ގްރޫޕް ބޭފުޅުން އަލުން ރުހުންދިނުމުގެ ފަހަތުގައިވާ ސަބަބުތައް އާއްމު މެމްބަރުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.

"ކޮންމެ ރެޔަކު އާއްމު މެމްބަރުންނަށް ކުރާ އަނިޔާއޭ ގޮވާފައި ގޮސް އަނެއްދުވަހު އަނިޔާއަށް ވޯޓު؟" ވައްޑެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުން މި ގޮތަށް އަމަލު ކުރުމުން ރައްޔިތުން އިތުބާރު ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ.

"ރޭގަނޑު ނުކުމެ ގޮވަނީ ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުންގެ އިސްތިއުފާއަށް. ދުވާލު ނުކުމެ ބުނަނީ ހަމަ ބެސްޓް އޭ," އާޒިމް ވިދާޅުވިއެވެ.

މި ބޭފުޅުންގެ އިތުރުން އެމްޑީޕީގެ އާއްމު އެތައް މެންބަރުންނެއް ވެސް އަންނަނީ މިކަމާ ގުޅިގެން އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް ފާޑު ކިޔަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީގެ އެތެރޭގައި މި މައްސަލަ އުފެދިފައިވަނީ އެ ޕާޓީގެ ޗެއާޕާސަން ކަމުގެ އިންތިޚާބަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް ވެސް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.