ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމެރިކާގެ ކާސްޓުންތަކެއް ހިމަނައިގެން ޒަޔަނިސްޓު ޔަހޫދީއަކު ހެދި ފިލްމާ ދެކޮޅަށް މާލޭގައި މިއަދު ކުރި މުޒާހަރާގައި އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޝެލް ޖޭ ސިސޯން އަށް ތަފާތު އިންޒާރުތައް ދިނުމަށް ފަހު އެމެރިކާގެ ދިދަ އަންދާލައިފި އެވެ.

ވަކިޖަމާއަތަކަށް ނިސްބަތްނުވާ ބަޔަކު މިއަދު ޔޫއެން ބިލްޑިން ކައިރީގައި ކުރި މުޒާހަރާގައި އަޑު އުފުލާފައި ވަނީ ބޭރު ގައުމުތަކުގެ ސަފީރުން ރާއްޖެ އަށް ބޭނުން ނުވާ ކަމަށާއި އެ މީހުންނަކީ ރާއްޖެ އަށް ހެޔޮއެދޭނެ ބައެއް ނޫން ކަމަށެވެ. އަދި އެމެރިކާ އާއި ޔަހޫދީ ޒަޔަނިސްޓުން މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ދުވަހަކު ވެސް ހުއްޓާލާނެ ހަރަކާތްތަކެއް ނޫން ކަމަށާއި އެ މީހުންނާ ދެކޮޅަށް އަޑު އުފުލުމުގައި ދިވެހިން ދެމިތިބެން ޖެހޭ ކަމަށެވެ.

މިއަދުގެ މުޒާހަރާގައި ކޮމަންވެލުތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝްސަރުމާ ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ހާއްސަ ސަފީރު ސާ، ޑޮނަލްޑް މެކެނަން އަށް އިންޒާރުގެ ބަސްތަކެއް ރައްދުކޮށްފައިވެ އެވެ. މުޒާހަރާގައި މެކިނަން އަށް ތަފާތު އިންޒާރު ދިން އިރު، އޭނާއަކީ ނިއުޒިލެންޑުގެ ރައްޔިތެކެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރުކަން ވެސްކުރައްވާފައިވާ މެކިނަން ރާއްޖޭގައި ތަމްސީލު ކުރައްވާ ކޮމަންވެލްތަކީ އެމެރިކާ ހިމެނޭ ޖަމާއަތެއް ވެސް ނޫނެވެ.

ކުރީގެ އީޕީއެސް އައި މިހާރު ބިލަބޮން ހައި އިންޓަނޭޝަނަލް ސުކޫލް ކުރިމަތިން، ޔޫއެން ބިލްޑިން ހުންނަ މަގުން މުޒާހަރާ ފެށިއިރު، ފުލުހުން ވަނީ ޔޫއެން ބިލްޑިން ހުންނަ ސަރަހައްދަށް ވަދެވޭ މަގުތައް ބަންދުކޮށްފަ އެވެ. ނަމަވެސް މުޒާހަރާ ހޫނުވެ ބިލަބޮން ސްކޫލް ކައިރީ ތިބި މީހުން ވަނީ އެންމެ ފަހުން ފުލުހުންގެ ބެރިކޭޑްތަކާއި ފުލުހުންގެ ސަފުތައް ފޫއަޅުވާލައި އޫއެން ބިލްޑިއަންއަށް ވަންނަން މަސައްކަތްކޮށްފަ އެވެ. އަދި އެ މީހުން ވަނީ ޔޫއެން ބިލްޑިންއާ ދިމާލަށް ގަލާއި ލަޓިބުރި ފަދަ ތަކެތި އުކާފަ އެވެ. އަދި ޔޫއެން ބިލްޑިންއަށް މުޒާހަރާގެ ބައިވެރިން ވަންނަން އުޅެނިކޮށް ފުލުހުން ވަނީ އެ މީހުން ހިފަހައްޓައި ޕެޕާ ސްޕްރޭ ޖަހައި، މުޒާހަރާ ކޮންޓްރޯލްކޮށްފަ އެވެ.

ޔޫއެން ބިލްޑިން ކުރިމަތީގައި ކުރި މުޒާހަރާގައި އެމެރިކާގެ ދިދައާއި އިޒުރޭލުގެ ދިދަ އަންދާފައިވެ އެވެ.
ޔޫއެން ބިލްޑިން ކުރިމަތީގައި ތިބެ މުޒާހަރާގައި ވާހަކަ ދެއްކި ބައިވެރިން ވަނީ މިސަރުކާރަށް ފާޑުކިޔައި ވާހަކަ ދައްކާފަ އެވެ. އަދި އެއްވެސް ޕާޓީއެއްގެ ފިކުރެއް މުޒާހަރާގައި ފާޅުކޮށްގެން ނުވާނެ ކަމަށާއި ރާއްޖެއަށް ޑިމޮކްރަސީ ބޭނުން ނުވާ ކަމަށް އަޑު އުފުލި އެވެ. އަދި އިސްލާމިކް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދުގެ އިސްތިއުފާ އަށް ވެސް ގޮވި އެވެ.

ޝަހީމްގެ އިސްތިއުފާއަށް މުޒާހަރާގެ ބައިވެރިން ގޮވާފައި ވަނީ މީޑިއާ މެދުވެރިކޮށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. ރާއްޖެ ޓީވީ އަށް ޝަހީމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޝުއޫރު ފާޅު ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ހަމަނުޖެހުން ހިންގައި ތަންތަނަށް ގެއްލުންދީގެން ނުވާނެ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ ނަފްސު ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މުޒާހަރާގަ ބައިވެރިންގެ އަދަދު ގިނަވެ، މުޒާހަރާ ދިގުދެމިގެން ދަނިކޮށް މުޒާހާ ސުލްހަވެރި ކުރުމަށްޓަކައި ޝެއިހް މުހައްމަދު ތޮއްޔިބު މުޒާހަރާގެ ބައިވެރިނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަން ފެއްޓެވުާ އެކު ބައެއް މީހުން ބިންމަތީގައި އިށީންދެ އޭނާގެ ވާހަކަތައް އަޑުއެހި އެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ މުޒާހަރާގެ ބައިވެރިންތަކެއް އޭނާއާ ދެކޮޅަށް އަޑު އުފުލައި ބަހުގެ ހަމަލާތަކެއް ރައްދު ކުރި އެވެ. އެހިސާބުން މުޒާހަރާ ހޫނުވެ، ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ރައްދު ކުރި އެވެ.

މުޒާހަރާ ހަމަނުޖެހުމުގެ ތެރޭގައި ޝެއިހް ތޮއްޔިބުއާ ދިމާލަށް މުޒާހަރާ ކުރަން ގެންގުޅުނު ޕޯސްޓަރުތައް ހަރުކޮށްފައި ހުރި ލަކުޑި ފިލާތައް ބިންދައި އުކާފައިވެ އެވެ. އޭނާ ދައްކާ ވާހަކަތައް އަޑުއަހަން ބޭނުންނުވާ ކަމަށް ބުނެ، އަޑުގަދަކުރި އެވެ.

މުޒާހަރާގެ ހަމަނުޖެހުން ބޮޑުވުމުން، މުޒާހަރާ ނިންމާލިކަން އިއުލާން ކުރި އެވެ. މިއަދު ކުރި މުޒާހަރާއަކީ ރަސޫލާގެ ހިމާޔަތުގައި ކުރެއްވި ފުރަތަމަ އިހްތިޖާޖު ކަމަށާއި އަދިވެސް އެފަދަ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް އިއުލާން ކުރި އެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމެރިކާގެ ކާސްޓުންތަކެއް ހިމަނައިގެން ޔަހޫދީޔަކު ހެދި ފިލްމުގެ މައްސަލާގައި މާލޭގައި ހުންނަ ޔޫއެން ބިލްޑިން ކައިރީގައި މިއަދު ބަޔަކު މުޒާހަރާ ކުރި އިރު، ޔޫއެން އިން ވަނީ އެ ފިލްމުގެ މައްސަލަ ކުއްވެރިކޮށް، "އެއްވެސް ދީނަކަށް މަލާމާތް ރައްދު ކުރުމަކީ ބަލައިގަނެވޭނެ" ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެމެރިކާގެ ސެކަރެޓަރީ އޮފް ސްޓޭޓް ކްލިންޓަން ވިދާޅުވެފައި ވަނީ އެ ފިލްމުގައި ދައްކުވައިދޭ މަންޒަރުތަކާއި މެސެޖުތަކުން އެމެރިކާ ބަރީއަތްވާ ކަމަށެވެ. އަދި އެއީ އެއްވެސް ހާލަތަކެއްގައި އެމެރިކާގެ ސަރުކާރުން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.