14 Sep 2012, 19:50
އިސްލާމްދީނުގެ އެންމެ މުހިއްމު އަސާސްތަކަށް ފުރައްސާރަކުރުން އެއީ ހިޔާލުފާޅުކުރުމުގެ ގޮތުގައި ބަަލައި ނުގަނެވޭނެ ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތޮއްޔިބު އަރުދުޣާން ވިދާޅުވެއްޖެ އެވެ.
ޔުކްރޭނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ޔަލްޓާ ސިޓީގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އަރުދުޣާން ވދާޅުވެފައި ވަނީ އިސްލާމްދީނަށާއި މާތް ރަސޫލާއަށް ފުރައްސާރަކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ނުވަތަ އެއީ ދީނީ މިނިވަންކަން ކަމަށް ނުބުނެވޭނެ ކަމަށެވެ.
އަދި ވިދާޅުވެފައި ވަނީ އެއީ ދީންތަކުގެ މުހިއްމު އަސާސްތަކާއި ރަސޫލުންނަށް ފުރައްސާރަކުރުމަކިީ ހިޔާލުފާޅުކުރުން ނުވަތަ ފާޑުކިއުން ކަމަށް ވެސް ބަލައި ނުގަނެވޭނެ ކަމަށެވެ.
"އިސްލާމްދީނާ ދެކޮޅަށް ހެދި ފިލްމަކީ ފާޅުގައި ރުޅިއެރުވުމަށް ކޮށްފައިވާ ކަމެއް. އެފިލްމު ކުޅެފައި އެވަނީ ދުޝްމަން ކަމާ އެކީ،" އަދުދުޣާން ވިދާޅުވި ކަމަށް ޖާނަލް އޮފް ޓާކިޝް ވީކްލީގައިވެ އެވެ.
"މުސްލިމުންނަށް އަޅުގަނޑު އަދި އެއްފަހަރު ހަނދާން ކޮށްދެން، އެފިލްމަކީ ނުރައްކާތެރި ރުޅިއެރުވުމެއް، އަދި އެއީ ނުރައްކާތެރި ހާދިސާތަކެއް މެދުވެރިކުރުމަށް އަމާޒުކޮށްގެން ކޮށްފައިވާ ކަމެއް. މިކަމާ ގުޅިގެން ހަމަނުޖެހުމަށް ވެއްޓޭ މުސްލިމުންނަކީ މުސްލިމުންނާ ދެކޮޅު ބައެއް،" އަރުދުޣާން ވިދާޅުވެފައި ވެއެވެ.
އަރުދުޣާން ވަނީ ލީބިޔާގެ ބެންޣާޒީގައި ހުރި އެމެރިކާގެ ކޮންސިއުލޭޓަށް ދިން ހަމަލާއެއްގައި އެމެރިކާގެ އެމްބެސެޑަރު މަރާލި ހާދިސާ ވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.
އެމެރިކާގެ ޔަހޫދީއަކު އުފެއްދި، އިސްލާމްދީނާ ދެކޮޅު ފިލްމާ ގުޅިގެން އިސްލާމީ އެކި ގައުމުތަކުގައި އިއްޔެއާއި މިއަދު ދަނީ މުޒާހަރާތައް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ވެސް މިއަދު މުޒާހަރާއެއް ކުރިއެވެ.