30 Apr 2026, 07:41

އިންޑިއާގެ މަގުބޫލު ބަތަލާ ޕްރިތީ ޒިންތާ އަކީ 'ޓްރޮފީ'އެއް ކަމަށް ބުނެ ތައުރީފުކުރި ސަޕޯޓަރަކަށް ބަތަލާ ރައްދުދީފިއެވެ.
ދާދިފަހުން އެކްސްގައި ސަޕޯޓަރުންނާ އެކު ކުރިއަށްގެންދިޔަ ސުވާލާއި ޖަވާބު ދިނުމުގެ ސެޝަނެއްގައި ސަޕޯޓަރަކު ބަތަލާ ސިފަކުރީ 'ޓްރޮފީ'އެއް ގޮތަށެވެ.
އެ ސަޕޯޓަރަށް ރައްދު ދެމުން ޕްރިތީ ބުނީ، ތަށިތަކަކީ މިލްކު ކުރެވޭ އެއްޗެއް ނަމަވެސް އަންހެނުންނަކީ އެފަދަ ބައެއް ނޫން ކަމަށެވެ. އަންހެނުންގެ މިނިވަންކަމާއި އަމިއްލަ އިޚްތިޔާރާ ގުޅޭގޮތުން މަޝްހޫރު ބަތަލާ ޕްރިތީ ދިން ޖަވާބަށް ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ތާއީދުކޮށް ވާހަކަދައްކާފައެވެ.
އަންހެނުންނަކީ 'ތަށި' ނުވަތަ 'ޓްރޮފީ' އެއްގެ ގޮތުގައި ސިފަކުރުމާ ގުޅޭގޮތުން ޕްރިތީ ބުނީ، އެއްވެސް އަންހެނަކީ އެފަދަ އެއްޗަކަށް ވާން ބޭނުންވާނެ މީހެއް ނޫން ކަމަށެވެ.

ޕްރިތީ ފިރިމީހާ ގުޑްއިނަފްއާ އެކު. ކައިވެންޏަށްފަހު ބަތަލާ މިހާރު ދިރިއުޅެމުން ދަނީ ފިރިމީހާ އަދި ދެ ކުދިންނާ އެކު އެމެރިކާގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މި ސެޝަންގައި ޕްރިތީ ވަނީ އަންހެނުންނަށް ކުރަންޖެހޭ އިހްތިރާމާއި، އޭނާގެ އާ ފިލްމު "ލާހޯރު 1947" ރިލީޒްކުރާ ތާރީހާއި، ޕަންޖާބް ކިންގްސް ޓީމުގެ އިތުރުން ފިލްމީ ދާއިރާ ދޫކޮށް ކްރިކެޓަށް އިސްކަންދިން ސަބަބާ ގުޅޭގޮތުން ވެސް ވާހަކަދައްކާފައެވެ.
މީގެ އިތުރުން، އޭނާގެ ކްރިކެޓް ޓީމު ކަމަށްވާ ޕަންޖާބް ކިންގްސްއާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕްރިތީ ބުނީ، ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ވަރަށް މޮޅު ކުޅުންތެރިން ކަމަށެވެ. އަދި ކުޅިވަރުގެ މައިދާނުގައި ރަނގަޅު ނަތީޖާއެއް ލިބެނީ ޓީމުގެ މާހައުލަކީ އުފާވެރި އަދި ހިތްހަމަޖެހޭ ތަނަކަށް ވުމުން ކަމަށް ވެސް ބަތަލާ ފާހަގަކުރިއެވެ.
އާ ފިލްމުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕްރިތީ ބުނީ "ލާހޯރު 1947" އަކީ އޭނާ އަބަދުވެސް ކުޅެން ބޭނުންވި ފަދަ ތާރީހީ ފިލްމެއް ކަމަށެވެ. އަދި މި ފިލްމަކީ ބައިބައިވުމާއި ނަފުރަތުގެ ތެރެއިން އުފެދޭ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށް ވެސް ޕްރިތީ ބުނެފައިވެއެވެ.
ސަނީ ޑިއޯލް ލީޑްރޯލް ކުޅޭ މި ފިލްމު ރިލީޒްކުރާނީ މި އަހަރުގެ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ.
ކްރިކެޓާއި ފިލްމީ ދާއިރާއިން ކޮންމެވެސް އެއް ދާއިރާއެއް އިހްތިޔާރު ކުރަން ލިބިއްޖެނަމަ ކުރާނީ ކޮން ކަމެއްތޯ ސުވާލު ކުރުމުން ޕްރިތީ ބުނީ، އޭނާ މީގެ 18 އަހަރު ކުރިން ފިލްމަށްވުރެ ކްރިކެޓް އިސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މި އަހަރުން ފެށިގެން ދެ ފިލްމަކާ އެކު އަލުން ފިލްމީ ދާއިރާއަށް އެނބުރި އަންނާނެ ކަމަށް ފިލްމު "ކަލް ހޯ ނަ ހޯ" އަދި "ކޮއި މިލް ގަޔާ" ފަދަ ފިލްމުތަކުން މަގުބޫލުކަން ލިބުނު ބަތަލާ ބުނެފައިވެއެވެ.