ފަހަކަށް އައިސް ރާއްޖޭގެ މީޑިއާއާއަށް ދެމުންދާ ހަމަލާތައް އިތުރުވުމުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ފަދަ މާހައުލެއް އުފެދިގެން ހިނގައިދާނެ ކަމުގެ އިންޒާރު ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމިއްޔާ، އައިއެފްޖޭން ދީފި އެވެ.


ރާއްޖޭގެ މީޑިއާ އަށް ފަހަކަށް އައިސް ދެމުންދާ ބަހުގެ ހަމަލާތަކާއި، އަދި މީޑިއާ އޯގަނައިޒޭޝަންތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތައް އިތުރުވެފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، ހަ ލައްކައަށްވުރެ ގިނަ ނޫސްވެރިން ހިމެނޭ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް ނުވަތަ އައިއެފްޖޭން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މީޑިއާއާ ދެކޮޅަށް އެފަދަ އަމަލުތައް ހިންގުން އިތުރުވެފައިވާތީ އެ ޖަމިއްޔާއިން ވަރަށް ބޮޑަށް "ހައިރާންވާ" ކަމަށެވެ.


އެގޮތުން ވީޓީވީ ހިންގާ އިމާރާތުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ އާއި، ވީޓީވީ ސްޓޭޝަންގެ އަންހެން ރިޕޯޓަރަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ހުރަސްއެޅުއްވި ކަމަށް ބުނާ މައްސަލައިގެ އިތުރުން ބައެއް މީޑިއާތަކާ ދެކޮޅަށް މޫސަ އަޑުއުފުއްލަވާ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުންގެންދަވާ މައްސަލަ އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މާލޭ މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކު ދިޓީވީގެ ކެމެރާމަނެއްގެ އަތުން ކެމެރާ ޖަހައިގެންނެވި މައްސަލަ ވެސް، 125 ގައުމު ހިމެނޭ އައިއެފްޖޭގެ އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.


މި ހުރިހާ ކަމެއްގެ މައުލޫމާތު ރާއްޖޭގައި މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އެމްޖޭއޭން، އައިއެފްޖޭ އާއެކު ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެ ހަރަކާތްތައް ކުށްވެރިކޮށް، އެ އަމަލުތައް ނުހިންގުމަށް ގޮވާލާ އެމެޖޭއޭން ކުރަމުން އަންނަ މަސައްކަތަށް އައިއެފްޖޭން ފުރިހަމައަށް ތާއީދުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.


އައިއެފްޖޭގެ އޭޝިއާ ޕެސިފިކް ރީޖަންގެ ޑިރެކްޓަރ ޖެކުލިން ޕާކު އެ ބަޔާނުގައި ވިދާޅުވެފައި ވަނީ، މީޑިއާ އާ ދެކޮޅަށް އޮފިޝަލުން ހިންގަވާ އެފަދަ އަމަލުތަކާއި ވަކިވަކި ފަރުދުން ވެސް ހިންގާ އަމަލުތައް ހުއްޓުވާ، އެ ކަންކަމަށް ހުރަސްއެޅުމަށް އެމްޖޭއޭން ކުރަމުންދާ މަސައްކަތްތަކަށް އައިއެފްޖޭން އެހީވާނެ ކަމަށެވެ. އަދި ފަހަކަށް އައިސް ރާއްޖޭގެ މީޑިއާ އަށް ދެމުންދާ ބަހުގެ ހަމަލާތަކާއި އަޅަމުންދާ ފިޔަޅުތައް އިތުރުވުމުގެ ސަބަބުން، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ފަދަ މާހައުލެއް އުފެދިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.