މި މަހު 16ގައި ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓި އަނިޔާވި މީހަކު މިއަދު މަރުވެއްޖެއެވެ.

އެއީ، ހދ. ނޭކުރެންދުއަށް ނިސްބަތްވާ 36 އަހަރުގެ ހުސައިން ޝިފާޒެވެ.

އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އޭގެފަހުން، އިތުރު ފަރުވާއަށް މި މަހު 19 ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދިނެވެ. އޭނާ މަރުވީ، އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދެވެ.

އޭނާގެ ކަށުނަމާދު މިއަދުގެ އަސުރު ނަމާދަށް ފަހު، އާސަހަރާގައި ވަނީ ބާއްވާފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ކުރިން، ކުޅުދުއްފުށީ ހުޅަނގު އުތުރު ކައުންސިލަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ރުކުން ވެއްޓުނު މީހާއަކީ އެ ދުވަހުވެސް ރުކަށް އަރައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ.

އޭނާ ރުކުން ވެއްޓުނީ މަސައްކަތުގެ ތެރެއިން ކުޑަ ބްރޭކެއް ނެގުމަށްފަހު، އަލުން ރުކަށް އަރައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ކައުންސިލަރު މައުލޫމާތު ދެއްވިއެވެ.