14 Sep 2012, 19:42
އެމެރިކާގެ ޔަހޫދީއަކު ހަރަދުކޮށްގެން، އިސްލާމްދީނަށާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށްފައިވާ ފިލްމަކާ ދެކޮޅަށް އިސްލާމީ ދުނިޔޭގައި ރުޅިވެރިކަން ފާޅުކުރުމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ސޫދާނުގެ ވެރިރަށް ޚަރުތޫމުގައި މިއަދު ކުރި މުޒާހަރާގައި އެ ރަށުގައި ހުރި ޖަރުމަނުވިލާތުގެ އެމްބަސީއާއި އިނގިރޭސިވިލާތުގެ އެމްބަސީގައި ހުޅުޖަހައިފި އެވެ.
މިއަދުގެ ހުކުރު ނަމާދަށް ފަހު ފިލްމާ ދެކޮޅަށް މުޒާހަރާކުރުމަށް ޚަރުތޫމްގެ މަގުތަކަށް ނުކުތް މީހުން ވަނީ ޖަރުމަނުގެ އެމްބަސީގައި ނަގާފައި ހުރި އެ ގައުމުގެ ދިދަ ވީދާލައި އެ ދިދައިގެ ބަދަލުގައި ތައުޙީދުގެ ކަލިމަ ލިޔެފައިވާ ކަޅު ދިދައެއް ނަގައި އެމްބަސީގެ އިމާރާތުގައި ހުޅުވެސް ޖަހާފަ އެވެ.
ޚަރުތޫމުގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރާ ހަވާލާދީ އެ އެޖެންސީން ބުނީ ޖަރުމަނުގެ އެމްބަސީއާއި އިނގިރޭސި އެމްބަސީއަށް ގެއްލުން ދިނުމަށް ފަހު މުޒާހަރާކުރާ މީހުން މިހާރު ވަނީ އެމެރިކާ އެމްބަސީއާ ދިމާއަށް މިސްރާބުޖަހާފަ އެވެ. ރަޔަޓް ފުލުހުން ވެސް އެމީހުންގެ ފަހަތުން އެބަ ދާ ކަމަށާއި ޖަރުމަނު އެމްބަސީއަށާއި އިނގިރޭސި އެމްބަސީއަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަމެއް އަދި ނޭނގޭ ކަމަށް ވެސް ރިޕޯޓަރާ ހަވާލާދީ އެ އެޖެންސީން ބުންޏެވެ.
ރަސޫލާއަށް ފުރައްސާރަކޮށްގެން ހަދާފައިވާ ފިލްމުގެ މައްސަލައިގާ އިސްލާމީ ދުނިޔޭގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން ދާއިރު އެގޮތަށް ކަންތައްތައް ނުކުރުމަށް އިސްލާމީ ބައެއް އިލްމުވެރިން ގެންދަވަނީ ގޮވާލައްވަމުންނެވެ.
ފިލްމުގެ މައްސަލައިގާ ކުރި މުޒާހަރާއެއް ހަމަނުޖެހުމަކަށް ބަދަލުވެ، ލީބިޔާގެ ބެންގާޒީގައި ހުރި އެމެރިކާގެ ކޮންސިއުލޭޓަށް ހަމަލާދީ އެތަނުގައި ހުންނެވި އެމެރިކާގެ އެމްބެސެޑަރު ކްރިސްޓޮފާ ސްޓީވެންސް ވަނީ އަވަހާރަކޮށްލާފަ އެވެ.