މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށާއި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރޭ ރީނދޫ ސަމާލު ނެރެފައި ވަނިކޮށް، ވިއްސާރައާއެކު ހުޅުމާލެއަށް ވަނީ ހޮނު ވެސް އަޅާފައެވެ. އަދި ހޮނު އެޅުމުގެ ސަބަބުން އިމާރާތަކަށް ގެއްލުންވެފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރަށް ވުމުން ކުރާ ވިއްސާރައެއް ކަމަށެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދުގެ 10:00 އިން ފެށިގެން 16:00 އަށް ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލުވެސް ނެރެފައެވެ.

އިރު އޮއްސި 18:00 އަށް މޫސުން ލަފާކުރާގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަަށާއި ބައެއް ރައްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.