14 Sep 2012, 15:40
ތިން ލައްކަ ރުފިޔާ އާއި 3000 ޔޫއެސް ޑޮލަރާއެކު ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބެލެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ މެންދުދުރުފަހު 3:10 ހާއިރު ޑްރަގްސް އެންފޯސްމެންޓް ޑިޕާޓްމަންޓާއި ޕޮލިސް އިންޓަލިޖެންސް އާއި ގުޅިގެން ހިންގާ ހާއްސާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ހޯދައިފައި ވަނީ ހ. ތޮއްޑޫގެ ތިން ވަނަ ބުރީގެ އެޕާޓްމަންޓަކުން ކަމަށެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ މީހަކާއި 32 އަހަރު މީހެއް ކަމަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ދެ އެ މީހުންގެ ނަމެއް ފުލުހުން އާންމެއް ނުކުރެ އެވެ.
އެ ދެ މީހުންގެ ތެރެއިން 32 އަހަރުގެ މީހާ ހައްޔަރު ކުރީ ކަލާފާނު ސްކޫލުގެ އުތުރު ފަރާތު މަގުމަތިންނެވެ. އަނެއް މީހާ ހައްޔަރު ކުރީ މަސްތުވާތަކެތި ގެންގުޅުނު ތޮއްޑޫގޭ ތިން ވަނަ ބުރީގެ އެޕާޓްމެންޓުގެ ތެރެއިނެވެ.
ފުލުހުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަންގައި 32 އަހަރުގެ މީހާ ބަލާ ފާސްކުރި އިރު އޭނާ ލައިގެން ހުރި ޖިންސުން ފެނުނު ދެ ސިގިރެޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 41 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ބިންމައްޗަށް ވައްޓާލި ކަމަށް ބެލެވޭ ސިގިރެޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ 20 ރަބަރު ޕެޖެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި މަގުމަތިން ހައްޔަރު ކުރި އެ މީހާ ދިރިއުޅޭ ހ. ތޮއްޑޫގޭގެ ތިން ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަނީ އިއްޔެ ބަލާ ފާސްކޮށްފަ އެވެ. ތޮއްޑޫގެ ތިން ވަބަ ބުރީގެ ކޮޓަރީގައި ހުރި އަލަމާރިއެއް ބަލައިފާސްކުރި އިރު 1.28 ކިލޯގެ މަސްތުވާތަކެތި އަޅާފައިވާ ކަމަށް ޝައްކުކުރެވޭ ދެ ފެކެޓް ފެނިފައިވެ އެވެ. އަދި އެ ކޮޓަރީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ރަބަރު 40 ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 406 ގްރާމްގެ ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން އިއްޔެ ބަލާފާސްކުރި ތޮއްޑޫގޭގެ އެޕާޓްމެންޓުގެ ތެރެއިން މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ހަތަރު ކައްޓާއި މަސްތުވާތަކެތި ޕެކެޓްގައި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ މެޝިނެއް ވެސް ފެނިފައިވާ ކަމަށެވެ.
ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމަށް ބެލެވިގެން ހައްޔަރު ކުރި ދެ މީހުންގެ މައްސަލަ ޑްރަގްސް އެންފޯސްމެންޓް ޑިޕާޓްމެންޓުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.