ކުދިބޮޑު ގަސްގަހާގެހި ހެދިފައިވާ، ގުދުރަތީގޮތުން މުއްސަނދި ވ. ވައްޓަރާއި އެ ރަށް ހިމެނޭ ސަރަހައްދު ހިމާޔަތްކޮށްފިއެވެ.

މ. އަތޮޅުގެ އުތުރުގައި އޮންނަ ވައްޓަރު ސަރަހައްދުގައި 9،718.5 ހެކްޓަރު ހުންނައިރު، ވައްޓަރު ރަށުގެ ބޮޑުމިނަކީ 1.4 ހެކްޓަރެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ގެޒެޓުގައި ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ވައްޓަރު ރަށުގެ ހުޅަނގު ފަރާތުގައި ޗަސްބިމެއް ހެދިފައިވާއިރު، އެ މާހައުލަކީ ކަނޑުލުގެ ކުދިބޮޑު ގަސްގަހާގެހި ހެދިފައިހުރި، ސިއްހަތު ރަނގަޅު ވެއްޓެކެވެ.

ގިނަ އަދަދަކަށް ކުރެދިގަސް ހެދިފައިވާ މި ރަށުގައި، ރާބޮއްޖާއި މާކަނާއާއި ބޮޑަނައާއި ފިދަނައާއި ކާޅު ފަދަ ދޫނިތައް އުޅޭ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށް އިއުލާނުގައިވެއެވެ. އަދި ވައްޓަރުގެ ކަނޑުގެ ސަރަހައްދުގައި ގިނަ އަދަދަކަށް ފާނަ އުޅޭ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވެއެވެ.

މިނިސްޓްރީގެ އިއުލާނުގައި ވަނީ، ވައްޓަރުގައި ކުރުން މަނާ ކަންކަންވެސް ހިމަނައިފައެވެ. އެ ކަންކަމަކީ:

  1. އެއްވެސް ދިރުމެއްގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުންދިނުން

  2. އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފްކުރުން
  3. އެއްވެސް ބާވަތެއްގެ ކުނި އެޅުން
  4. އުމްރާނީ ތަރައްގީގެ މަސައްކަތެއް، ނުވަތަ އިންފްރާސްޓްރަކްޗާ ގާއިމްކުރުން
  5. އެ ތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކޮށް، ރޭގަނޑު އަލިކުރުން
  6. މަސްމަހާއިމެއްސާއި ދޫނިސޫފާސޫފި ހިމެނޭހެން، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން، ނުވަތަ ކާން އެޅުން
  7. ބިން ހިއްކުމާއި ފަޅު ފުންކުރުން
  8. ހަވީރު 5:30 އާއި އިރުއޮއްސި 6:30 އާ ދެމެދު ޒިޔާރަތްކުރުން

ނަމަވެސް، ކަނޑައެޅިފައިވާ ޚާއްސަ އުސޫލެއްގެ ދަށުން، ވައްޓަރު ސަރަހައްދަށް އާންމުންނާއި ފަތުރުވެރިންނަށް ޒިޔާރަތްކުރެވޭނެ ކަމަށާއި، އެ ތަނުގައި ދިރާސާކޮށް، ނޭޗާ ބޭސްޑް ރެކްރިއޭޝަން މަސައްކަތްތައް ކުރެވޭނެ ކަމަށް، މިނިސްޓްރީން ގެޒެޓުކުރި އިއުލާނުގައިވެއެވެ.