ވޮޝިންގޓަން (ސެޕްޓެމްބަރ 14): ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނުގެ މަތިވެރި އިލާހީ ޢާޤީދާގެ އަގުވައްޓާލުމަށް އެމެރިކާގައި އުފައްދައި ބާޒާރަށް ނެރެފައިވާ ނުރައްކާތެރި ފިލްމާ ދެކޮޅަށް ދުނިޔޭގެ މުސްލިމުން އަޑުއުފުލައި އިޙްތިޖާޖްތައް ކުރަމުން ގެންދާ މައްސަލާގައި މިފިލްމު އުފެއްދި ފަރާތްތައް ބިރުގަނެ އެމީހުން މިހާރު ފިލާފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

އެމެރިކާގައި އިއްޔެ ޝާޢިޢުކުރި މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މިފިލްމު އުފެއްދި ޔަހޫދީ ދަރިކޮޅުގެ ހަރުކަށި މީހާ ކަމަށްވާ ސާމް ބަޒީލް އާއި މިފިލްމު އުފެއްދުމުގެ ފައިސާގެ އެހީދިން ޔަހޫދީ ޒަޔަނިސްޓް ބައެއް މަހުޖަނުން މިހާރު ވަނީ އެމެރިކާގެ ސަލާމަތީބާރުތަކުގެ ކިބައިން ޙިމާޔަތް ހޯދާފަ އެވެ. އަދި މި ފިލްމު ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރި ކީރިތި ޤުރްއާނުގެ މުސްޙަފްގެ ކޮޕީތައް އެންދުމުގެ މުޑުދާރު ޢަމަލު ހިންގާފައިވާ އެމެރިކާގެ ހަރުކަށި ނަސާރާ ފާދިރީ ޓެރީ ޖޯންޒްވެސް އެމެރިކާގެ ސަލާމަތީ ބާރުތަކުގެ ޙިމާޔަތް ހޯދާފައިވާ ކަމަށް ޔުނައިޓެޑް ޕްރެސް ބުނެ އެވެ. މިފަރާތްތައް އެމީހުން ދިރިއުޅޭ ހިސާބުތަކާއި އެމީހުން ޢާންމުކޮށް ދާތަންތަނުން ނުފެންނަކަމަށް އެމީހުންގެ ރައްޓެހިންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

އަނެއްކޮޅުން މިފިލްމުގެ ތަރިންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތައް ވެސް އެމީހުންގެ ފުރާނައަށް ބިރުގަނެ ފިލަން މަސައްކަތްކުރާ އިރު އެމީހުން ވަނީ މިއީ މިފިލްމު އުފެއްދި ފަރާތްތަކުން އެމީހުންނަށް އޮޅުވާލައި އެމީހުންގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށް އެމީހުންނާ ޙަވާލާދީ ސީއެންއެން ބުނެ އެވެ. މިފިލްމުގެ ތަރިންނާއި ސައިޑް ރޯލްތައް އަދާކުރި މީހުންގެ ޢަދަދު 80 އަށް އަރާކަމަށްވެ އެވެ.

މިފިލްމާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ދަނީ އަޑުއުފުލައި އުތުރި އަރަމުންނެވެ. އަދި މިފިލްމު އުފެއްދި މުޖްރިމުން ޢަދާލަތަށް ޙާޒިރުކުރުމަށް އިސްލާމީ ބައެއް ޤައުމުތަކުންނާއި އިސްލާމީ ބައެއް ޖަމްޢިއްޔާ ޖަމާއަތްތަކުން ވެސް ވަނީ އެމެރިކާ ސަރުކާރަށް ގޮވާލާފަ އެވެ. މިފިލްމާ ދެކޮޅަށް ޤާހިރާއާއި ތެހެރާންއާއި ކާބުލްއާއި ބަޣްދާދުގައި މިއަދު ބޮޑެތި މުޒާހަރާތަކެއް ބޭއްވޭނެ ކަމަށް ޚަބަރުލިބެ އެވެ. މި ނުރައްކާތެރި ފިލްމާ ދެކޮޅަށް ޔަމަނާއި ލީބިޔާއާއި މިސްރުގައި އެތައް ހާސްބަޔަކު ކުރި އިޙްތިޖާޖްތަކުގައި އެ ޤައުމުތަކުގައިވާ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކަށް ގެއްލުންތައްދީފައިވެ އެވެ. އަދި ލީބިޔާގެ ހަތިޔާރުއެޅި ޖަމާޢަތަކުން ބެންޣާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އަންދާލައި އެމެރިކާގެ ސަފީރު އަވަހާރަކޮށްލާފައި ވެސްވެ އެވެ. (ނޫސްއެޖެންސީތައް)