14 Sep 2012, 13:38
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާ "ޔޫނިއަން" އިފްތިތާހްކޮށްފި އެވެ.
ރޭ އެ ޔުނިވާސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާއެއްގައި އެ ޖަމިއްޔާ އިފްތިތާހް ކޮށްދެއްވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވަމުން ޔޫތު މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވީ އެފަދަ ޖަމިއްޔާއަކީ ވަރަށް މުހިންމު ޖަމިއްޔާއެއް ކަމަށާއި އެހެންކަމުން އެ ޖަމިއްޔާ ހިންގުމަށް އެ މިނިސްޓްރީގެ ފަރާތުން އެ ޖަމިއްޔާ އަށް އެއްލައްކަ ރުފިޔާ ދެއްވާނެ ކަމަށާއި އަދި އެ ޖަމިއްޔާ ހިންގުމަށް ވެދެއްވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.
އެ ޖައްމިއްޔާއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެ ޔުނިވާސިޓިގެ ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވީ މިއަންނަ އަހަރަކީ އެ ޔުނިވާސިޓީ އަށް 40 އަހަރު ފުރޭ މުނާސަބަތު ކަމުގައިވާ އިރު އެ ޖަމިއްޔާއަކީ ވަރަށް މުހިންމު ޖަމިއްޔާއެއް ކަމަށާއި އެގޮތުން މީގެ ކުރިން އެ ޔުނިވާސިޓީގައި ހަރަކާތްތެރިވެފައިވާ ޖަމިއްޔާތަކަކީ އެކި ފެކަލްޓީތަކަށް ނިސްބަތްވާ ޖަމިއްޔާތަކަށް ވިޔަސް މިފަހަރު އުފެދުނު ޔޫނިއަންއަކީ ހުރިހާ ދަރިވަރުނަށް ނިސްބަތްވާ ޖަމިއްޔާއެއް ކަމަށެވެ.
"މިޖަމިއްޔާގެ މަގުސަދެއް ކަމަށް ރަޖިސްޓްރީކޮށްފައި ވަނީ މައިގަނޑު ތިން ކަމެއް. އެއް ކަމަކީ ދަރިވަރުންގެ މަސްލަހަތު ކުރިއެރުވުން، އަނެއް ކަމަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލަކުރުން. ތިން ވަނަ މަގުސަދެއްކަމަށް މި އޮންނަނީ ދަރިވަރުނަށް އެހީތެރިވުން" ހަމީދު ވިދާޅުވި އެވެ.
އަދި އޭނާ ވިދާޅުވީ އެ ޖަމިއްޔާގެ ނަމަށް ޔޫނިއަން ބޭނުންކޮށްފައި ވަނީ މަޝްހޫރު އެހެން ޔުނިވާސިޓީތަކުގައި ވެސް އެފަދަ ޖަމިއްޔާތަކަށް އެ ނަން ބޭނުން ކުރާތީ ކަމަށާއި އަދި އެ ޔޫނިއަންގެ ސަބަބުން ދަރިވަރުންގެ މެދުގައި އެއްބަވަންތަކަމާއި އެކުވެރިކަން ބަދަހިވެގެން ދާނެ ކަމަށެވެ.
ރޭގެ އެ ރަސްމިއްޔާތުގައި އަލަށް އެކުލަވާލި އެ ޖަމިއްޔާގެ ހިންގާ ކޮމެޓިގެ މެންބަރުނަށް ސެޓްފިކެޓް ވެސް ދީފައިވެ އެވެ. އެގޮތުން އެކުދިނަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ މިނިސްޓަރު މުންދު އެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެ ޖަމިއްޔާގެ ފުރަތަމަ ރައީސް ހާތިމް ޔޫސުފް ވިދާޅުވީ ކުދިންގެ ހަރަކާތްތެރިވުން މިހާރަށް ވުރެ އިތުރު ކުރަން ޖެހޭ ކަމަށާއި މާދަމާ ގައުމަށް ހިދުމަތްކުރަން ތިބި ބައެއް ކަމުން މިހާރުން ފެށިގެން ހަމައެކަނި ފޮތުން އުނގެނޭ ތައުލީމުގެ ބަދަލުގައި އަމަލީ ގޮތުން ހަރަކާތްތެރިވުމަށް ހިތްވަރުދެއްވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ޖަމިއްޔާއަކީ ދަރިވަރުންގެ މަސައްކަތާ އެކު ހަރަކާތްތެރި ޖަމިއްޔާއަކަށް ވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އެ ޖަލްސާގައި ޔުނިވާސިޓީގެ އިސްވެރިންގެ އިތުރުން އެ ޔުނިވާސިޓީގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި އެވެ.