ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް އަންނަ މަހުގެ އެކަކުން ފެށިގެން ފްރީޒް ކުރަން ފަށާނެ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހަންމަދު މިއަދު ވިދާޅުވީ މީރާ އިން މީގެ ކުރިން އާންމުކޮށްފައިވާ އެކައުންޓް ފްރީޒްކުރާ އުސޫލުގެ ދަށުން އެންމެ ފުރަތަމަ ފްރީޒް ކުރާނީ ޖީއެސްޓީ ނުދައްކާ ވިޔަފާރިވެރިންގެ އެކައުންޓްތައް ކަމަށެވެ.

"އޮކްޓޯބަރު އެކެއްގައި އަޅުގަނޑުމެން ފްރީޒްކުރަން ފަށާނީ ޖީއެސްޓީ ނުދައްކާ މީހުންގެ އެކައުންޓްތައް. އެއީ މި މީހުންނަކީ އާންމުންގެ އަތުން ފައިސާ ނަގާފައި، ނުދައްކާ ތިބި މީހުން، އެ މީހުންގެ ފައިސާއެއް ވެސް ނޫން އެއީ، އަޅުގަނޑުމެން ފްރީޒްކޮށްފައި އެ އެކައުންޓުން ފައިސާ ނަގަމުންގެންދާނެ، އަޅުގަނޑުމެން އެއް މަސް މިހާރު ވެސް ދީފައި ވާނީ،" ޔަޒީދު ވިދާޅުވި އެވެ.

އޮގަސްޓް މަހުގެ ތެރޭގައި މީރާ އިން އާންމުކުރި "ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުގެ ބޭންކް އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމާއި ބޭންކް އެކައުންޓް ބެލުގައި އަމަލުކުރާނެ އުސޫލުތަކުގައި"ވާ ގޮތުން މީރާ އިން އެކައުންޓެއް ހިފަހައްޓާނީ ފައިސާ ދައްކަން ޖެހުނު ތާރީހުން ފެށިގެން 50 ދުވަސް ހަމަވެ ފައިސާ ނުދެއްކުމުންނެވެ. އަދި ބުނެފައި ވަނީ ބޭންކް އެކައުންޓްތައް ފްރީޒްކުރަން އަންގަން ޖެހޭނީ މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމު ކުރަން ފެށުމުން ވެސް ނުދައްކާ ތިބި ބައެއް ފަރާތްތަކުން ޖީއެސްޓީ ދެއްކި ކަމަށާއި އެކައުންޓް ފްރީޒް ކުރަން ފެށުމުން ވެސް ނުދައްކާ ތިބި ގިނަ ފަރާތްތަކަކުން ޖީއެސްޓީ ދައްކާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޔަޒީދު ވިދާޅުވީ ޓެކްސް ނުދައްކާ ކުންފުނިތަކުގެ ތެރޭގައި މިހާރު ވިޔަފާރި ނުކުރާ ކުންފުނިތައް ހިމެނޭ ކަމަށާއި އޭގެ ތެރެއިން ބައެއް ކުންފުނިތަކަކީ އެ ކުންފުނިތައް ހުންނަ ތަނެއްވެސް އަދި ކުރާ ވިޔަފާރީގެ މައުލޫމާތު ވެސް މީރާ އަށް ލިބިފައި ނުވާ ވަރަށް ކުދި ކުންފުނިތައް ކަމަށެވެ.

"ޓެކްސް ނުދައްކާ ފަރާތެއް ހުރެގެން ނުވާނެ، އަޅުގަނޑުމެން އެމީހުންނަށް ފިޔަވަޅު އަޅައިގެން ވެސް އެ ފައިސާ ހޯދާނަން، އެނގިވަޑައިގަންނަވާނެ ކޯޓަށް ވެއްދި މައްސަލަތަކުގެ ތެރެއިން ވެސް ވިއްސަކަށް މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް އެ އޮތީ ނިމިފައި. ކޯޓުން ކޭސް ނިންމީމާ ވެސް ނުދައްކާ ފަރާތްތަކެއް އެބައުޅޭ، މި މަދު މީހުން ކޮޅެއް މިއުޅެނީ ޓެކްސް ނުދައްކާ، ގާނޫނަށް ވެސް ތަބާނުވާ،" ޔަޒީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނަށް ތަބާނުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މީރާއަށް ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން މީރާއަށް މިހާތަނަށް ޓެކްސް ރިޓާން ހުށަހަޅާފައި ނުވާ ފަރާތްތަކަށް ލަފާކުރެވޭ އަދަދު ޓެކްސް ގޮތުގައި ދެއްކުމަށް އަންގާފައިވާ ކަމަށާއި އެގޮތަށް ކަންތައްކުރުމުން ވެސް ބައެއް ފަރާތްތަކުން ޓެކްސް ރިޓާން ހުށަހަޅައި ޓެކްސް ދައްކަން ފަށާފައިވާ ކަމަށެވެ.

މީރާ އިން އެންމެ ފަހުން އާންމުކުރި މާލޭ ސަރަހައްދުގެ ޖީއެސްޓީ ނުދައްކައި މީހުންގެ ލިސްޓުގައި 222 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ 51 ފަރާތެއް ހިމެނެ އެވެ. މީރާއިން މިހާރު ވެސް އަންނަނީ ޗެކްބައުންސްވާ ފަރާތްތަކާއި ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށް އެ މައްސަލަތައް ފުލުސް އޮފީހަށް ފޮނުވަމުންނެވެ.