14 Sep 2012, 13:08
ފުލުހުންގެ ތިން މީހަކާއި ސިފައިންގެ މީހަކު ގުޅިގެން ބިދޭސީންނަށް ބިރުދައްކައި ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ފުލުހަކު ގޭބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފި އެވެ.
ފޭރުމުގެ މައްސަލައެއްގައި މިއަހަރުގެ ޖޫން 8ގައި ފުލުހުންގެ ވަޒީފާގައި ހުއްޓާ ހައްޔަރު ކުރި ގދ. މަޑަވެލީ، ގާޑްނިން، އަޢުޒަލް އަބްދުއްސައްތާރު ގޭބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނަނީ އޭނާއަކީ މުޖުތަމައުއަށް ސަލާމަތަށް ނުރައްކާތެރި މީހެއް ކަމަށެވެ.
ކްރިމިނަލް ކޯޓްގެ އެ އަމުރު ބާތިލްކޮށް ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ބުނަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި މީހަކު ގޭބަންދަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި މުޖުތަމައުއަށް ނުރައްކާވެދާނެ މީހެއް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ހާލަތެއްގައި އެ މީހަކު ބަންދުކޮށްފައި ބަހައްޓަން ޖެހޭނީ ހޯމް މިނިސްޓްރީ ކަނޑައަޅާ ތަނެއްގައި ކަމަށްވެސްހުކުމުގައިވެ އެވެ.
"މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ މީހެއް ކަމަށް ފަނޑިޔާރަށް ގަބޫލު ކުރެވޭ ހާލަތެއްގައި އެ މީހަކު ބައްދަކޮށްފައި ބަހައްޓަން ޖެހޭނީ އެ މީހެއްގެ ފަރާތުން މުޖުތަމައުއަށް ނުރައްކާތެރި ކަމެއް ނުފޯރާނެފަދަ ގޮތަކަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއް ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓްގެ އަމުރުގައި ގދ. މަޑަވެލީ، ގާޑްނިން، އަޢުޒަލް އަބްދުއްސައްތާރު ގޭގައި ބަންދު ކުރުމަށް ނިންމާފައިވާ ނިންމެވުން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކޮށްފީމެވެ،" ފަނޑިޔާރު އަބްދުރައޫފު އިބްރާހިމާއި ފަނޑިޔާރު އައްބާސް ޝަރީފު އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރު ކުރި ހުކުމްގައި ބުނެފައިވެ އެވެ.
ހައި ކޯޓްގެ ގަޟިއްޔާގައި ބުނެފައި ވަނީ މިއަހަރު ޖޫން 8، ވަނަ ދުވަހުގެ 5:30 ހާއިރު މ. މާކޮޅު ގޭގައި ބިދޭސީންތަކެއް ދިރިއުޅެމުންދިޔަ ތަނަކަށް އައުޒަލް އާއި އިތުރު ފުލުހުންތަކަކާއި ކުލަ ހެދުމުގައި ހުރި މީހަކު ވަދެ ބިދޭސީންނަށް ބިރުދެއްކުމަށްފަހު، ފައިސާ ފޭރިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ފޭރިގަތް ފައިސާތަކުގެ ތެރޭގައި ދިވެހި ފައިސާ އާއި ޔޫއެސް ޑޮލަރާއި ފޯނުތަކެއް ހިމެނޭ ކަމަށެވެ.
އައުޒަލް ގޭބަންދަށް ބަދަލު ކުރި މައްސަލަ ހައި ކޯޓްގައި އިސްތިއުނާފު ކުރުމަށްފަހު ޕީޖީން ކޯޓްގައި ބުނެފައި ވަނީ ޒިންމާދާރު ވަޒީފާއެއްގައި ފުލުހަކަށް ވެހުރެ، ފުލުސް އޮފީހުން ދޫކޮށްފައިވާ ކޮމްބެޓް ޔުނީފޯމް އެހެން މީހަކަށް ދީގެން ފޭރުމުގެ ކަންތައްތައް ހިންގާފައިވާ މީހަކު ގޭބަންދަށް ބަދަލުކޮށްފައި ހުއްޓާ ގޭބަންދުން ނުކުމެ، މުޖުތަމައުގައި އުޅޭ ކަމަށެވެ. އޭނާ ގޭބަންދަށް ބަދަލު ކުރުމަކީ މުޖުތަމައުއަށް ނުރައްކާވެ، މައްސަލައިގެ ހެއްކާއި ގަރީނާ ނައްތާލައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.
ފޭރުމުގެ މައްސަލައިގައި ހައްޔަރު ކުރި ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. ނަމެވެސް އެތަނުން ހައްޔަރު ކުރި އެއް ފުލުހަކު ބަންދުން މިނިވަންކޮށް ވަޒީފާ އަލުން ދިނުމަށް ފުލުސް އޮފީހުން އެދުނެވެ. ނަމަވެސް އޭނާ ވަޒީފާ ބޭނުން ނުވާ ކަމަށް ފުލުސް އޮފީހަށް ވަނީ އަންގާފަ އެވެ.