ގުއަޓިމާލާ ސިޓީ (ސެޕްޓެމްބަރ 14) : ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ ގުއަޓިމާލާގެ "ފިޔުޖޯ" އަލިފާން ފަރުބަދަ ގޮވަން ތައްޔާރުވަމުންދާ ކަމަށް ބެލެވޭ ކަމަށާއި އެފަރުބަދައިން ދުމާއި އަޅި ގިނަ ޢަދަދަކަށް ނުކުންނަށް ފަށާފައިވާ ކަމަށް އެޤައުމުން ބުނެފި އެވެ.

ގުއަޓިމާލާގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ވެރިރަށް ގުއަޓިމާލާ ސިޓީ އާ 40 ކިލޯމީޓަރު ދުރުގައިވާ މިފަރުބަދައިން އަރާދުމުގެ ސަބަބުން އެސަރަހައްދުގެ މަތީގައިވަނީ ކަޅު އަދި ބޯ ވިލާގަނޑެއް އުފެދިފަ އެވެ. މިފަރުބަދައިން އަރާ ދުމާއި ފައިބާ އަޅީގެ ނުރައްކާ، ގުއަޓިމާލާ ސިޓީ ގެ ރައްޔިތުންނަށް ކޮށްފައިވާއިރު އެފަރުބަދައާ އެންމެ ގާތްސަރަޙައްދުތަކުން 10 ހާސް މީހުންވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންދެވިފަ އެވެ.

ގުއަޓިމާލާގެ އަލިފާން ފަރުބަދަތަކުގެ ދިރާސާތަކާބެހޭ އިންސްޓިޓިއުޓުން ބުނާގޮތުން އެޤައުމުގެ "ފިޔުޖޯ" އަލިފާން ފަރުބަދައަކީ ދުނިޔޭގައިވާ އެެންމެ ބާރުގަދަ އަލިފާންފަރުބަދަތަކުގެ ލިސްޓްގައި ހިމެނޭ ފަރުބަދައެކެވެ. ތިން ހާސް މީޓަރު އުހަށް އަޅި އާއި އަލިފާން ޕްރެޝަރުގައި ފޮނުވާލުމުގެ ބާރު މިފަރުބަދައަށް ލިބިގެންވާ ކަމަށް އެއިންސްޓިޓިއުޓުން ބުނެ އެވެ. މިފަރުބަދައިން ނުކުން ދުމާއި އަޅީގެ ސަބަބުން ގުއަޓިމާލާގެ އިތުރުން އެސަރަޙައްދުގެ ޤައުމުތަކުގެ ވައިގެދަތުރުފަތުރަށްވެސް ނުރައްކާވެދާނެ ކަމަށް އެއިންސްޓިޓިއުޓުން ބުނެ އެވެ. މިފަރުބަދައިގެ އިތުރުން ގުއަޓިމާލާގައި އިތުރު ދެ އަލިފާން ފަރުބަދަ ހުރެ އެވެ.

ދެހާސް ދިހަވަނަ އަހަރު އެޤައުމުގެ "ބަކާޔާ" އަލިފާން ފަރުބަދައިން އެރި ދުމާއި އަޅީގެ ސަބަބުން ޤައުމުގެ މައި އެއަރޕޯޓް އެތަށް ދުވަހެއް ވަންދެން ބަންދުކޮށް އެތަށް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދަންޖެހިފައިވެ އެވެ. (ނޫސްއެޖެންސީތައް)