އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރު އަތުން ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ވިދާޅުވި ނަމަވެސް އެވާހަކަފުޅު ޤަބޫލް ނުކުރައްވާ ކަމަށާއި، އެއާޕޯޓް އަނބުރާ ހޯދުމަކީ "ކުކުޅެއްގެ ބަނޑު ދަށުގައި އޮތް ބިހެއް ދަމައިގަތުން ހާ ފަސޭހަ ކަމެއް" ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ކަން ވެސް ކުރައްވާ އައްބާސް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ދިވެހި ލޭ ހުރި އަދި ދިވެހި ވިންދު ހުރި އެއްވެސް ދަރިޔަކު ދައުލަތުގެ ބަންޑާރަ ނައިބުގެ އެ ވާހަކަފުޅު ޤަބޫލް ނުކުރާނެ ކަމަށެވެ.

"މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ އަތުން ބަޔަކު މީހުން ފޭރި ގެންފައިވާ ރައްޔިތުންގެ ހައްޤެއް، އެ ހައްޤު ޖެހޭނީ އަޅުގަނޑުމެން ހޯދަން" އައްބާސް ވިދާޅު ވިއެވެ.

އައްބާސް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބެލުން ލަސްކުރަމުންދާ މައްސަލަ ޤަބޫލު ނުކުރައްވާނެ ކަމަށާއި، އަދި ޖުމްހޫރީ ޕާޓީން ވެސް އެކަން ޤަބޫލު ނުކުރާ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ޤަބޫލް ކުރާ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަ ބަލަން ޖެހޭނެ ކަމަށާއި، އެ މައްސަލަ ނުބެލި ލަސްވަމުންދާ ސަބަބެއްކަމަށް ބުނެ އެ ކޮމިޝަނުން އުޒުރެއްގެ ގޮތުގައި ދައްކާ ބަޖެޓް ނެތް ވާހަކަ ގަބޫލު ނުކުރައްވާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

"ދަންނަވަންތޯ ބަޖެޓް ނެތް ވާހަކަ ދައްކަން މިހާރު މާ ލަސް ވެއްޖެ، މީ ބަހަނާ އެއް، އަޅުގަނޑު ޤަބޫލެއް ނުކުރަން، ޖުމްހޫރީ ޕާޓީން ވެސްް ޤަބޫލެއް ނުކުރަން އެވާހަކައެއް،" އައްބާސް ވިދާޅު ވިއެވެ.

ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އިއްޔެ ވިދާޅުވެފައި ވަނީ ޖީއެމްއާރުގެ އެއްބަސްވުމަކީ އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި އެއްބަސްވުމަކަށް ނުވާނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުން އޮތް ގޮތުން އެ އެއްބަސްވުން ބާތިލުކުރުމަކީ އަދި އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަކީ އެކަމުން އިތުރު މައްސަލަތަކެއް ނުކުމެދާނެ ކަމެއް ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފަ އެވެ. އަދި އެ އެއްބަސްވުމުން ނުކުތުމަކީ ވަރަށް އުދަގޫ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

-- އިސްމާއިލް ޝާކިރު --