ރައްޔިތުން މަޖިލީހުގައި ޕީޕަލް އެލައާންސް(ޕީއޭ) ތަމްސީލު ކުރެއްވި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުގެ މިރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑްވިސް (ޕީޕީއެމް) އަށް ސޮއިކުރައްވައިފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސުޕޯކް ޕާސަން އިބްރާހިމް މުއާޒް އަލީ މިރޭ ވިދާޅުވީ ޒަމީރު ޕީޕީއެމްއަށް ސޮއިކުރައްވާފައި ވަނީ ޕީޕީއެމްއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން މިހާރު ޕީޕީއެމް އިން ފަށާފައިވާ ކެމްޕެއިންގެ ދަށުން ރ. އަލިފުށީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

"މިރޭގެ ހަފްލާގައި މޫސާ ޒަމީރު ޕީޕީއެމްއަށް ސޮއިކުރެއްވުމުން އެ ރަށުގައި ތިއްބެވި ޕީޕީއެމްއަށް ސަޕޯޓްކުރާ ރައްޔިތުން ހޫނު މަރުހަބައެއް ވަނީ ކިޔާފައި،" މުއާ ވިދާލުވި އެވެ.

ޕީޕީއެމް އިން މޫސާ ޒަރީރު އެ ޕާޓި އަށް ސޮއިކުރެއްވިކަން ޔަގީންކޮށްދިން ނަމަވެސް އެ ބޭފުޅާ ފޯން ނުނަންގަވާތީ އެކަމާބެހޭ ގޮތުން އެބޭފުޅާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ޒަމީރު ޕީޕީއެމްއާ ގުޅިވަޑައިގަތުމުން މިހާރު ރައްޔިތުން މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރައްވާ މެންބަރުންގެ އަދަދު ވަނީ 18 އަށް އަރައިފަ އެވެ. އަދި އިދިކޮޅު އެމްޑިޕީން މަޖިލީހުގައި ތަމްސީލްކުރާ މެންބަރުންގެ އަދަދަކީ 30 އެވެ.

ޒަމީރު ޕީޕީއެމް އަށް ބަދަލުވެވަޑައިގަތުމާ އެކު ރައްޔިތުން މަޖިލީހުގައި ޕީއޭ ތަމްސީލް ކުރައްވަން ހުންނަވަނީ އެންމެ މެންބަރެކެވެ. އެއީ އެ ޕާޓިގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ. އެ ޕާޓިގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ވަނީ ޕީޕީއެމް އުފެއްދުމުން އެ ޕާޓިއާ ގުޅިވަޑައިގެންފަ އެވެ. މިހާރު އޭނާ އަކީ އެ ޕާޓިގެ ޕާލަމެންޓުރީ ގުރޫޕުގެ ލީޑަރު ވެސް މެ އެވެ.