27 Apr 2026, 08:51

ބޮލީވުޑްގެ މަގުބޫލު ފިލްމު ޑައިރެކްޓަރު ސާޖިދު ނަދިއަދުވާގެ އާ ފިލްމުގެ ލީޑް ރޯލަށް ޒުވާން އެކްޓަރު އަހާން ޝެޓީ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
"ސަންކީ"ގެ ނަމުގައި އުފައްދާ މި ފިލްމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު ސާޖިދު ފެންނާނީ ފިލްމުގެ ޕްރޮޑިއުސަރުގެ ރޯލުންނެވެ. ޑައިރެކްޓަރު ޓިނޫ ދޭސާއީއާ އެކު އުފައްދާ މި ފިލްމުގެ ޓައިޓްލް ނަން ހޯދުމަށް އަހާންގެ ވަރަށް ބޮޑު އެހީތެރިކަމެއް ސާޖިދުގެ ޓީމަށް ލިބުނު ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަހާން ބޮލީވުޑަށް ތައާރަފުވި ފުރަތަމަ ފިލްމު "ތަޅަޕް" އަކީ ވެސް ސާޖިދު އުފެއްދި ފިލްމެކެވެ. އަލަށް އުފައްދާ ފިލްމު "ސަންކީ"އާ ބެހޭ ތަފްސީލުތައް އަދި ސިއްރުކޮށްފައިވީ ނަމަވެސް، ވަރަށް އަވަހަށް މި ފިލްމު ރަސްމީކޮށް އިއުލާނުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ބޯޑާ 2"ގެ ސެޓުގައި އަހާން ބައްޕަ ސުނިލްއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ
ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަހާން އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބޯޑަ 2"އިންނެވެ. މި ފިލްމުގައި ސަނީ ޑިއޯލް، ވަރުން ދަވަން އަދި ދިލްޖީތު ފަދަ ތަރިންނާ އެކު އޭނާ ދެއްކި ހުނަރަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.