14 Sep 2012, 02:12
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުގައި އިރުޝާދު ދެއްވާފައިވާ ކަންކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ނުކުރަނީސް، އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމުގެ މަސައްކަތް ފިޔަވައި މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއްގައި ބައިވެރި ނުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށްލަފާ އަރުވައިފި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް އެގޮތަށް ލަފާ އެރުވުމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނީ މާލޭ ސިޓީ ހޯލްގައި މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 110 ވަނަ ޖަލްސާގަ އެވެ.
މިރޭގެ ޖަލްސާގައި ޕާލަމެންޓްރީ ގްރޫޕަށް އެގޮތަށް ލަފާއެރުވުމަށް ގައުމީ މަޖިލީހުގެ މެންބަރު ހަސަން އަފީފު ހުށަހެޅުއްވި ގަރާރު ފާސްކޮށްފައި ވަނީ ގައުމީ މަޖިލީހަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ނެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޯނީގެ ރިޕޯޓުގައިވާ ކަންތައްތަކުގެ ޖިނާއީ ތަހުގީގެއް ކުރުމަށް ޓަކައި ވަކިފަރާތަކަށް ނުޖެހޭ މިނިވަން ކޮމެޓީއެއް އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
މި ރޭގެ ގަރާރު ހުށަހަޅުއްވަމުން އަފީފު ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ސަރުކާރުގެ މައްޗަށް ބައެއް ކަންކަން ކުރުމަށް ލާޒިމްކޮށްފައިވީ ނަމަވެސް އެ ރިޕޯޓުގައި ހުރި ބައެއް ކަންތައްތައް ބަލައިގަތުމަށް ފަހު ދެން ހުރި ކަންތައްތަކަކީ ރިޕޯޓުގައި ނެތް ކަންތައްތަކެއް ކަމަށް ސަރުކާރުން ދެކެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ނަޝީދު ވިދާޅުވި އެފަދަ ކޮމެޓީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން ރައްޔިތުން އެދެމުންދާ ކަމަށާއި ކޯނީގެ ރިޕޯޓުގައިވާ ކަންކަން ތަހުގީގު ކުރެވެންދެން މަޖިލީސް ހުއްޓާލާފައި އޮންނަން ޖެހޭ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓުގައި ކުރުމަށް އިރުޝާދު ދީފައިވާ ކަންކަން ކުރުމަށް މަޖިލީހުގައި މަސައްކަތް ކުރާ ނަމަ އެކަމުގައި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން ވީއެންމެ ފުޅާދާއިރާއެއްގައި ބައިވެރިވުމަށް ގައުމީ މަޖިލީހުން ޕާލަމެންޓްރީ ގްރޫޕުން މަޝްވަރާ އަރުވާ ކަމަށް އަފީފް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެ