ރާއްޖޭގައި އަމާން ވެއްޓެއް ގާއިމުކޮށް ދިނުމަށް މިހާތަނަށް ފުލުހުން ވަނީ ވަރަށް ކުޅަދާނަ ގާބިލު ނަމޫނާއެއް ދައްކާދީފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާާޅުވެއްޖެ އެވެ.

މަތީ ތައުލީމުގެ ކޯސްތައް ހިންގުމަށް "އިންސްޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އިންފޯސްމަންޓް"ނަމުގައި ފުލުހުންގެ މުވައްސަސާގައި ގާއިމުކުރި މަރުކަޒު އިފްތިތާހް ކުުރުމަށް މިރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ފުލުހުން ވަނީ "އުނދަގޫ އަދި އެހާމެ ހަލަބޮލި ދަނޑިވަޅުތަކުގައި ވެސް"ހުރިހާ ރައްޔިތުނަށް އަމާންކަން ބެލެއްޓުމުގައި ވަރަށް ރަނގަޅަށް މަސައްކަތްތަކެއްކޮށްފައި ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކޮންމެ ރައްޔިތަކަށް ވެސް ވަރަށް ފުޅާދާއިރާއެއްގައި މިނިވަންކަން ލިބިދީފައިވުމާއި ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައިސްފައިވާ ބޮޑު ބަދަލާ އެކު ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ފުލުހުން އެކަން ވަރަށް ފުރިހަމައަށް ކޮށްދީފައިވާ ކަމަށެވެ.

"މިކަހަލަ މާހައުލެއްގައި ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ ހުރިހާ ރައްޔިތުންގެ އަމަން އަމާންކަން ބެލެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް. އެހެން ނަމެވެސް މި މަސްއޫލިއްޔަތު އަދާކުރުމުގައި އަޅުގަނޑުމެންގެ ފުލުހުން މިހާތަނަށް ދައްކާފައ ވަނީ ވަރަށް ވެސް ކުޅަދާނަ ގާބިިލް ނަމޫނާއެއް،" ރައީސް ވިދާޅުވި އެެވެ.

ރައީސް މި މޭރުމުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މަޝްރަހް އެންމެ ހަލަބޮލިވެގެން ދިޔަ ވަގުތުތަކުގައި ވެސް ރާއްޖޭގެ އަމަން އަމާންކަން ފުލުހުން ބަލަހައްޓާފައި ވަނީ ވިޔަފާރިތައް ހުއްޓުމަށް ނުގެނެސް ވަރަށް ގާބިލްކަމާ އެކީ ކަން ފާހަގަ ކުރައްވައި ފުލުހުންނަށް ޝުކުރު އަދާކުރެއްވި އެވެ.

"ވަރަށް އުނދަގޫ ހާލަތުގައި ވެސް ގައުމުގެ މަސްލަހަތު ނުގެއްލޭ ގޮތަށް ގައުމުގެ އަމަން އަމާންކަން ނުގެއްލޭ ގޮތަށް، އަޅުގަނޑުމެން އެންމެނަށް ހިނގާބިނގާވެ އުޅެވޭނެ ގޮތަށް އަޅުގަނޑުމެންގެ ވިޔަފާރިތައް ބަންދުނުކޮށް، ރާއްޖެ އަންނަ ފަތުރުވެރިންނަށް އައިސް ދެވޭ ގޮތަށް، އަޅުގަނޑުމެންގެ އެއާޕޯޓް ހުޅުވިފައި އޮންނަ ގޮތަށް މި ގޮތް ގޮތަށް އަޅުގަނޑުމެންގެ ހާލު ބަލަހައްޓައިދީ މިކަންކަން މެނޭޖްކޮށްކޮށްދިނުމަކީ އެއްގޮތަކަށް ވެސް ފަސޭހަކަމެއް ނޫން. އެހެން ނަމަވެސް އެކަން އަޅުގަނޑުމެންގެ ފުލުހުންވަނީ ވަރަށް ގާބިލް ކަމާއި އެކީގައި ކޮށްދެއްވާފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

"އިންސްޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އިންފޯސްމަންޓް" އާއި އެ އިންސްޓިއުޝަންގެ ވެބްސައިޓް އިފްތިތާހް ކޮށްދެއްވުމަށް ފަހު އެ އިންސްޓިއުޝަން އާ ބެހޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މުވައްސަސާތެރޭގައި މަތީ ތައުލީމުގެ ކޯސްތައް ހިންގުމަށް އާ މަރުކަޒެއް ހުޅުވުމަކީ އޭގެ ފައިދާ އެންމެނަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ޑިގްރީ ފެންވަރަށް ސެކިއުރިޓީސް ސްޓްޑީސް އާއި ލޯ އިންފޯސްމަންޓް ސްޓަޑީސް ރާއްޖެގައި ތިބެގެން ކިޔެވޭކަމީ ވަރަށް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެނަށް ލިބިގެންދާ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު އިންސިޓިއުޝަން އުފެއްދިއިރު ކޯސްތައް ހިންގާނެ ހާއްސަ މަރުކަޒެއް އަދި ނެތް ނަމަވެސް މުސްތަގުބަލުގައި މި މަރުކަޒު ހިނގަމުންދާނީ ވަކި ކެމްޕަސްއެއް ހުރެގެން އެކަމަށް ހާއްސަ ބޭފުޅުން ތިއްބަވައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ޓަކައި ސަރުކާރުން ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވި އެެވެ.

އަދި މި އިންސްޓިއުޝަނުން ކޯސްތައް ހިންގުމުގެ އިތުުރުން އެމަރުކަޒު ވާން ޖެހޭނީ ގާނޫނީ ލަފާ އެކި ފަރާތްތަކަށް ފޯރުކޮށްދޭ މަޒުކަޒެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވި އެެވެ. ހަމަ އެހެންމެ އެ މަރުކަޒުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ގޮތުން ދިރާސާތައް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

މިރޭގެ ރަސްމިޔާތުގައި ކޮމިޝަނަށް އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ދެއްކެވި ވާހަކަފުޅުގައި މިރޭ ހުޅުވި "އެލްސް" އިން ހުރިހާ ފަރާތްތަކަށް ވެސް މަތީ ދައުލީމް އުނގެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ. އަދި މި އިންސިޓިއުޝަންގެ ފުރަތަމަ ކޯސް އަންނަ އަހަރު ތެރޭގައި ފެށިގެންދާނެ ކަމުގައި ވިދާޅުވި އެެވެ.

މީގެ އިތުުރުން މިރޭ ހުޅުވި އިންސްޓިއުޝަނަކީ މި ސަރަހައްދުގައި ފާހަގަކޮށްލެވޭ އިންސިޓުޝަނަކަށްވެ، މި ސަރައްދުގައި އެކި ގައުމުތަކުން މި އިންސްޓިއުޝަނަށް ކޯސްތައް ފުރިހަމަ ކުރަން އަންނާނެ އިންސްޓިއުޝަނަށް ހެދުމަށް މަސަައްކަތް ކުރައްވާނެ ކަމުގައި ވެސް ކޮމިޝަނާ ރިޔާޒް ވިދާޅުވި އެވެ.