13 Sep 2012, 23:20
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް "އިނޮސެންސް އޮފް މުސްލިމް"ގެ ނަމުގައި އެމެރިކާގެ ޔަހޫދީ ނަސްލުގެ މީހަކު އުފައްދައިގެން އުލޭ ފިލްމް ރާއްޖޭގެ އިސްލާމިކް މިނިސްޓުރީން ކުށްވެރިކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރަސުލާ އަށް ފުރައްސާރަކޮށް ހުތުރު އެއްޗެތި ކިޔައި ހެދުމަކީ ކޮންމެ ޒަމާނެއްގައި ވެސް އެންމެ ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
"ނަމަވެސް މިކަމުގެ ސަބަބުން ރަސޫލާގެ ސަހުސިއްޔަތަށް އެއްވެސް ކަހަލަ ކުޑައި މީސްކަމެއް ނާންނާނެ އެވެ. އެކަލޭގެފާނަކީ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިންނާއި ފަހުން ވެސް ދުނިޔޭގެ އެންމެންގެ މެދުގައި ހެޔޮ ނަމޫނާއެއްގެ ގޮތުން މަޝްހޫރުކަން ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އަދި އެކަމަކީ މުސްލިމުނާއި ޣައިރު މުސްލިމުން ހެކިވާ ކަމެކެވެ." އެބަޔާނުގައިވެ އެވެ.
އަދި އެބަޔާނުގައި ބުނެފައި ވަނީ އެފަދަ ކަންކަމުގައި ތިމާމެންގެ ނަފުސްތައް ކޮންޓްރޯލްކޮށް ހިލްމުވެރިކަން ކުރިއަށް ނެރެ އިތުރުއެކަލޭގެފާނުގެ މައްޗަށް ސަލަވާތާއި ސަލާމްލެއްވުން އެދި ދުއާކުރުން ގިނަ ކުރުމަށް އެމިނިސްޓްރީން ގޮވާލާ ކަމަށެވެ.
އިސްލާމް ދީނަކީ ނައްތާލަން ޖެހޭ ކެންސަރެއް ކަމަށް ސިފަކޮށް އެމެރިކާ އިން ނެރެނު ފިލްމުގައި ކީރިތި ރަސޫލާ އަށް ވެސް ވަރަށްބޮޑަށް ފުރައްސާރަކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ ޢަޤީދާ ދުނިޔެ އިން ފުހެލުމަށާއި މުސްލިމުންނަކީ ނުރައްކާތެރި ބައެއް ކަމަށް ވެސް މިފިލްމުން ދައްކައިދޭ ކަމަށްވެ އެވެ. މިފިލްމު އުފެއްދި ޑައިރެކްޓަރަކީ އިސްރާއީލުގެ ހަރުކަށި ޔަހޫދީއެއް ކަމަށްވާ ސާމް ބަޒީލް ނަމަކަށް ކިޔާ މީހެކެވެ. މިފިލްމު އުފެއްދުމުގެ ފައިސާގެ އެހީދިން އެއް ފަރާތަކީ ކީރިތި ޤުރްއާނުގެ މުސްޙަފްގެ ކޮޕީތައް އެންދުމުގެ ނުބައި މުޑުދާރު ޢަމަލު ހިންގާފައިވާ އެމެރިކާގެ ހަރުކަށި ނަސާރާއެއް ކަމަށްވާ ޓެރީ ޖޯންޒް އެވެ.
އެފިލްމާ ގުޅިގެން މިހާރު ދުނިޔޭގެ ބައެއް ގަައުމުތަކުގައި އެމެރިކާ އާ ދެކޮޅަށް ދަނީ ހަރަކާތްތަކެއް ވެސް ހިންގަމުނެވެ. އެގޮތުން އެމެރިކާ އިން ނެރެނު އެ ފިލްމާ ގުޅިގެން ރުޅިއައިސްފައިވާ ލީބިޔާގެ ހަތިޔާރުއެޅި ޖަމާއަތަކުން ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ހަމަލާދީ ލިބިޔާގައި ހުންނަވާ އެމެރިކާގެ ސަފީރު ކްރިސްޓޮފާސްޓީވެންސް ވަނީ އަވަހާރަކޮށްލާފަ އެވެ. އަދި ޔަމަނުގައި ހުރި އެމެރިކާގެ އެމްބަސީ އަށް އެ ގައުމުގެ މުސްލިމުން ވަނީ ގެއްލުންދީ ހަދާފަ އެވެ.