ތިރީސް ފަސް ފުޅި ބަނގުރަލާއެކު ބިދޭސިއަކު ހައްޔަރުކޮށް، އޭނާ ޑީޕޯޓުކުރަން ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ، އުމުރުން 35 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކުރީ ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގައި މާލޭ މަގުމަތިން އެ މީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު، 35 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް، ފުލުހުން މައުލޫމާތުދެއެވެ.

އެ މައްސަލައިގެއިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ އަނބުރާ ބަންގްލަދޭޝަށް ފޮނުވައިލުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

މީގެ އެއް މަސް ކުރިން، 40 ފުޅި ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާއާއެކު ބަންގްލަދޭޝް މީހަކު ހައްޔަރުކުރިއެވެ. އެކަމަކު ހިފެހެއްޓީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ފުލުހުން އޭރު ހާމަކޮށްފައިނުވެއެވެ.

މި މައްސަލަތަކުގެ އިތުރަށް ވެސް ބަނގުރަލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ފެންމަތިވާ މިންވަރު ވަނީ އިތުރުވެފައެވެ.