ވޮޝިންޓަން (ސެޕްޓެމްބަރ 13): ކުރީގެ މިސްރާ ޚިލާފަށް މިހާރުގެ މިސްރަކީ އެމެރިކާގެ ބައިވެރިއެއް ނޫންކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ "ތިލީމޮންޑޯ"އަށް ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވީ މިސްރަކީ އެމެރިކާގެ ބައިވެރިއެއް ނޫން ކަމަށާ އަދި އެއީ މިސްރުގެ ދުޝްމަނެއް ވެސް ނޫންކަމުގަ އެވެ. އަދި މިސްރަކީ ޑިމޮކްރަސީގެ ރޮނގުގައި އަމިއްލައަށް ކުރިޔަށްދާން މަސައްކަތްކުރާ ޤައުމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާކޮށް މުސްލިމުންނަށް ޖެއްސުންކުރުމުގެ ގޮތުން އެމެރިކާގައި އުފައްދާފައިވާ ފިލްމާދެކޮޅަށް މިސްރުގައި ހިނގަމުންދާ އިޙްތިޖާޖްތަކުގެ ތެރެއިން އަތުވެދާނެ ޙަމަލާތަކަކުން ޤާހިރާގައި ހުންނަ އެމެރިކާގެ އެންބަސީ ޙިމާޔަތްކުރުމަށް މިސްރުން ޚާއްސަ ސަމާލުކަމެއް ނުދީފި ނަމަ މައްސަލަ ގޯސްވެދާނެ ކަމުގެ އިންޒާރު އޮބާމާ ދެއްވި އެވެ.

މިއިޙްތިޖާޖްތަކުގައި މިސްރުގެ ޢާންމުން ވަނީ ޤާހިރާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ދިދަތިރިކޮށް އިސްލާމީ ޝިޢާރު ހިމެނޭ ދިދައެއް އެ އެމްބަސީގައި ނަގާފަ އެވެ. އޮބާމާ ވިދާޅުވީ މިސްރުގެ ޙާލަތު އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށާއި މިސްރުގެ ކަންކަމަށް އެމެރިކާގެ ނުފޫޒެއް އަދި ބާރެއް މިހާރުނެތްކަމުގަ އެވެ. އަނެއްކޮޅުން މިސްރުގެ އައު ސަރުކާރާ މުޚާތަބުކުރައްވައި އޮބާމާ ވިދާޅުވީ އިސްރާއީލާ އެކު އެމެރިކާ ސޮއިކޮށްފައިވާ ސުލްޙައިގެ މުޢާހަދާ ދެމިއޮންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމުގަ އެވެ. އަދި މިކަމުގައި މަސްއޫލުވެރި ގޮތަކަށް މިސްރުން ޢަމަލުކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. (އަލްޖަޒީރާ)