13 Sep 2012, 22:12
ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ އަމީނިއްޔާ ސްކޫލްގެ "އާޓް އެންޑް ކްރާފްޓް އެގްޒިބިޝަން" ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު "އާޓް އެންޑް ކްރާފްޓް އެގްޒިބިޝަން 2012" ހުޅުވައިފި އެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ، އަމީނިއްޔާ ސްކޫލް ހޯލްގައި އެ އެގްޒިބިޝަން ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ހުސެއިން އެވެ.
އެ އެގްޒިބިޝަން ހުޅުވައި ދެއްވުމަށް ފަހު ވަނަ ވަނަ އަށް އައި ދަރިވަރުން ނަށް އިނާމާއި ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ވެސް އެކަމަނާ އެވެ.
މިއަދު ހުޅުވި އެގްޒިބިޝަނާ ބެހޭ ގޮތުން ސަން އޮންލަނަށް މައުލޫމާތު ދެއްވަމުން އަމީނިޔާ ސްކޫލްގެ ލީޑިން ޓީޗަރ ޒުލޭޚާ ސަމީރު ވިދާޅުވީ އެ އެގްޒިބިޝަން އަކީ އެ ސްކޫލްގެ ފަރާތުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އެގްޒިބިޝަނެއް ކަމަށާއި، މިފަހަރުގެ އެގްޒިބިޝަންގައި އަމީނިއްޔާ ސްކޫލްގެ ހުރިހާ ގްރޭޑްތަކަކުން ވެސް ބައިވެރިވެފައިވާ ކަމަށެވެ.
"އެގްޒިބިޝަން ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4 އިން 6 އަށް. ދެން ރޭގަނޑުު 8ން 10ްއަށް،" ޒުލޭޚާ ވިދާޅުވި އެވެ.
އަމީނިއްޔާ ސްކޫލްގެ އެގްޒިބިޝަން "އާޓް އެންޑް ކްރާފްޓް އެގްޒިބިޝަން" އެންމެ ފަހުން ބާއްވާފައި ވަނީ 2008 ވަނަ އަހަރު އެވެ.