04 Sep 2010, 16:11
21:11
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 62 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހަރަދުތައް ބަލައި އަންދާޒާ ކުރާއިރު ގާތްގަނޑަކަށް 62 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށް ހިސާބުތަކުން ދައްކާފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ތެރެއިން ފަސޭހަ ގޮތްތަކެއް ބޭނުން ކުރެވިއްޖެނަމަ އެމިން ވަރު ބޮޑުތަނުން ކުޑަ ކުރެވިދާނެ ކަމަށް ވެސް ކޮމިޝަނުގެ އަންދާޒާތަކަށް ފެންނަ ކަމަށެވެ.
"ރަށްރަށުގައި ހުރި ފެރީ ނިޒާމުތަކާއި ރިސޯޓުތަކުގެ ލޯންޗް ސެކްޝަންތަކުގެ އެހީތެރިކަން ލިބިއްޖަނަމަ ހަރަދު ކުޑަ ކުރެވޭނެ ކަމަށް މި ބަލަނީ، އެނޫނަސް ދިމަދިމާ އެބަހުރި ހަރަދު ކުޑަކޮށްލެވޭނެ" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބާއި އާންމު އިންތިހާބަށް ބަލާއިރު 200 ރަށުގެ ކައުންސިލު ހިމެނޭ މިއިންތިހާބަކީ ތަފާތު އިންތިހާބެއް ކަމަށެވެ. އަދި ވިދާޅުވީ ކަރުދާހާ މީހުން ބޭނުން ކުރަންޖެހޭ މިންވަރުވެސް ބޮޑުތަން އިތުރުވާ ކަމަށާއި ހަރަދު ކުޑަ ކުރުމުގެ ބައެއްގެ ގޮތުން ވޯޓު ކަރުދާސްތައް ވެސް ކުރީ ފަހަރުތަކާ ހިލާފަށް މި ފަހަރު ކުލައިން ޗާޕް ކުރުމުގެ ބަދަލުގައި ޗާޕު ކުރާނީ ކުރާނީ ކަޅާއި ހުދުން ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަން މިހާރު އަންދާޒާ ކުރެވިފައިވާ އަދަދުން، ހަރަދު ކުޑަކުރަން ވިސްނައިގެން ފަސް މިލިޔަނެއްހާވަރު ކުޑަކޮށްލެވޭނެ ކަމަށް،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ މިހާރުގެ ހަބަރުތައް ހުރި ގޮތުން ނޮވެމްބަރުން މިކޮޅުގައި އިންތިހާބު ނުބޭއްވޭނެ ކަމަށާއި ސަރުކާރުން ރަށްތަކާއި ރަޖިސްޓްރީ ގެޒެޓް ކުރި ކަމުގައި ވިޔަސް ގާނޫނުގައި ބުނާ 77 ދުވަސް އޮކްޓޫބަރާ މިދޭތެރެއިން މިހާރު ލިބެން ނެތް ކަމަށެވެ.