އެމެރިކާގެ ޓެކްސަސްގެ ފޯރޓް ހުޑްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއްގެ ތެރޭގައި، 2009 ވަނަ އަހަރު ބަޑި ޖަހައިގެން ސިފައިންގެ ބަޔަކު މަރައިލި ކަމުގެ ތުހުމަތު ކުރެވޭ މުސްލިމެއްގެ ތުނބުޅި ގަދަކަމުން ބާލާން، އެ ގައުމުގެ އަސްކަރީ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ތުހުމަތު ކުރެވޭ މީހަކީ އެމެރިކާ ސިފައިންގެ ސައިކިއޭޓްރިސްޓެއްގެ ގޮތުގައި ޚިދުމަތް ކުރަމުން ގެންދިޔަ މޭޖަރ ނިދާލް މަލިކް ޙަސަނެވެ. އޭނާގެ މައްޗަށް ކުރެވެނީ، އެ މަރުކަޒުގައި ތިބި ސިފައިންގެ ތެރެއިން ޖަމާއަތެއްގެ މީހުން އަފްޣާނިސްތާނަށް ހަނގުރާމައަށް ދާން ފުރާން އުޅެނިކޮށް، ބަޑިއެއް ހިފައިގެން ކުއްލިޔަކަށް ނުކުމެ ސިފައިންގެ ތެރެއަށް އެތައް ފަހަރަކު ބަޑި ޖަހައި، 13 މީހުން މަރައިލައި، 32 މީހުން ޒަޚަމް ކޮށްލުމުގެ ކުށުގެ ތުހުމަތެވެ. މޭޖަރ ނިދާލާ ދެކޮޅަށް، ކުރިން ރާވައިގެން މީހުން މެރުމުގެ 13 ދަޢުވާއާއި، ކުރިން ރާވައިގެން މީހުން މަރަން މަސައްކަތް ކުރުމުގެ 32 ދަޢުވާ އުފުލިފައި ވެއެވެ.

އުމުރުން 41 އަހަރުގެ މޭޖަރ ނިދާލާ ދެކޮޅަށް ކުރެވޭ ދަޢުވާތައް އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ އޭނާއަށް މަރުގެ އަދަބު ދެވިދާނެ ކަމަށް ޤާނޫނީ މާހިރުން ބުނެއެވެ.

މޭޖަރ ނިދާލްގެ މައްސަލަ ބަލާ އަސްކަރީ ކޯޓުގެ ފަނޑިޔާރު ކާނަލް ގްރެގަރީ ގްރޮސް ވިދާޅުވެފައި ވަނީ ނިދާލްގެ ތުނބުޅި ބާލާން ކޯޓު އަމުރެއް އިއްވުމަކަށް، އެމެރިކާގެ ދީނީ މިނިވަންކަމާ ބެހޭ ޤާނޫނުތައް ހުރަހެއް ނާޅާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު ޙުކުމް ކުރައްވައިފައި ވަނީ ނިދާލް އަމިއްލަޔަށް ތުނބުޅި ބޭލުމަށެވެ. ޙުކުމުގައި އޮތް ގޮތުން ނިދާލް އެކަމަށް އިންކާރު ކޮށްފި ނަމަ އަސްކަރީ ފުލުހުން، ގަދަކަމުން އޭނާގެ ތުނބުޅި ބާލާނެއެވެ.

ނިދާލްގެ ތުނބުޅި ބޭލުމާ ބެހޭގޮތުން ބޭއްވުނު އަޑުއެހުމުގައި އޭނާ ބުނެފައި ވަނީ ތުނބުޅި ބަހައްޓައިފައި ވަނީ ދީނީ ވާޖިބެއް އަދާ ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ އެ ވާހަކަ ގަބޫލު ކުރާން އިންކާރު ކޮށްފައެވެ.

ނިދާލްގެ ތުނބުޅި ބާލާން އަމުރު ކޮށްފައި ވަނީ، ތުނބުޅި ބެހެއްޓުމަކީ އެމެރިކާ ސިފައިންގެ ޤަވާޢިދުތަކާ ޚިލާފު ކަމެއް ކަމަށް ވެފައި، އަދި ނިދާލްގެ ތުނބުޅި ހުރުމުން، ހެކީންނަށް އޭނާގެ ސޫރަ ދެނެގަތުމުގައި އުނދަގޫތަކެއް ދިމާވެދާނޭ ކަމަށް ބުނެފައެވެ. ނަމަވެސް ނިދާލްގެ ދިފާޢީ ވަކީލުން ބުނެފައި ވަނީ، ނިދާލް އޭނާގެ ކުށަށް އިޢުތިރާފު ވެ، ޒިންމާ ނަގާނޭ ކަމަށް ބުނެފައި ވާތީ، ހެކީންނަށް އޭނާ އޮޅިގެން އުޅުމުގެ މައްސަލަ ދިމާ ވާކަށެއް ނުޖެހޭނޭ ކަމަށެވެ.

މޭޖަރ ނިދާލްގެ މައްޗަށް ތުހުމަތު ކުރެވުމަށް ފަހު އެންމެ ފުރަތަމަ ބޭއްވުނު ހަ އަޑުއެހުމަށް ތުނބުޅި ބަހައްޓައިގެން ހުރެ ހާޒިރު ވުމުން، އޭނާ ކޯޓުގެ ޙުރުމަތް ކަނޑައިލި ކަމަށް ބަލައި، ފަނޑިޔާރު ވަނީ އެ ކުށަށް ވެސް އޭނާއަށް ހަ ފަހަރު ޙުކުމް ކޮށްފައެވެ.

ފޯރޓް ހުޑްގެ ހާދިސާގައި، މޭޖަރ ނިދާލް މަލިކް ޙަސަނާ ދެކޮޅަށް ފުލުހުން ޖެހި ބަޑީގެ ވަޒަނެއް އޭނާގެ މެއަށް އެރުމުގެ ސަބަބުން، އޭނާގެ މެއިން ތިރި ވަނީ ވާގި ނެތިފައެވެ. މިހާރު އޭނާ ބަންދު ކުރެވިފައި ވަނީ ފޯރޓް ހުޑް އަސްކަރީ މަރުކަޒުގެ ކައިރީގައި ހުންނަ ހަސްފަތާލު ޖަލެއްގައެވެ.