މާލޭގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު އަނެއްކާވެސް މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ޚަބަރު ހުސްވެފައި އޮއްވައި ފެނިގެން އިއްޔެ މެންދުރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި ވަނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މިމަހުގެ 15 ވަނަ ދުވަހު ވެސް ވަނީ މަރުވެފައެވެ. އޭރު ފުލުހުން ބުނި ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. އަދި ބަންދުގައި ހުއްޓައި ނިޔާވި މީހަކަށް ވުމުން، ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމި ކަމަށް ވެސް ފުލުހުން ބުންޏެވެ.