25 Apr 2026, 14:13
މި މަހުގެ 12 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، ދުވަހުގެ ބޮޑު ބައި ޚިދުމަތް ނެތި ހޭދަކުރަން ޖެހުނުތާ ދެ ހަފުތާ ފަހުން، އެ ސަރަހައްދުގެ ޓަވަރުތަކަކުން މިއަދު އަނެއްކާވެސް ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ހިޔާއާއި ވިނަރެސްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ބުނެފައެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެވަނަ ފިޔަވަހީގައި ހުންނަ، އެފްޑީސީގެ ބައެއް ޓަވަރުތަކުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މި މަހުގެ 12 ވަނަ ދުވަހު ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުކުރަން ފެށީ 15:30ހާއިރެވެ.
"ސަން"އަށް މައުލޫމާތު ލިބުނު ގޮތުގައި ފުރަތަމަ ކަރަންޓު ކެނޑުނީ ހިޔާގެ އަށް ޓަވަރަކާއި ވިނަރެސްގެ ބައެއް ޓަވަރުތަކުންނެވެ. ނަމަވެސް މައްސަލަ ހައްލުނުވެ، އިތުރު ޓަވަރުތަކުން ވެސް ފަހުން ކަަރަންޓު ކެނޑިފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މައުލޫމާތު ދީފައިވެއެވެ.
ސްޓެލްކޯއިން ހުރިހާ ޓަވަރަކަށް ކަރަންޓު ދެވިފައިވާ ކަމަށް ބުނީ ރޭ 23:30ހާއިރެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެ ކުންފުނިން ބުނީ، އިއްޔެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ، ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
އެހެންވެ، މަގު ކޮނުމާއި، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އޭރު ވަނީ އިލްތިމާސްކޮށްފައެވެ.
ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭ ގޮތުން ސްޓެލްކޯއިން މި މަހުގެ 13 ވަނަ ދުވަހު، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވެސް މަޝްވަރާކޮށްފައިވެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް އޮންނަ، މިހާރު ވެސް ގިނަ ބަޔަކު ބަދަލުވަމުން އަންނަ ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި މިހާރު ވެސް އިމާރާތްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެފަދަ މަސައްކަތްތަކުގެ ތެރެއިން، ކޭބަލްތަކަށް ގެއްލުންވެ މީގެ ކުރިން ވެސް ކަރަންޓު ކެނޑިފައި އެބަހުއްޓެވެ.
ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އެތައް ހާސް އާއިލާއަށް އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ކަމުގެ ގިނަ ކަންބޮޑުވުންތަކެއް އޮވެއެވެ.