ދަތުރުކުރަމުން ދިޔަ ސަފާރީއެއްގައިި ރޯވެ އެ ސަފާރީގައި ތިބި ދެ މީހަކު ފިހިގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން ބ އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުން ދިޔަ "ބްލެކް ޕާލް" ސަފާރީގައި ރޯވީ ކ. ކާށީދޫ އުތުރުން 10 މޭލުބޭރުން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އެ ސަފާރީގައި އެއްވެސް ޓޫރިސްޓަކު ނެތް އިރު ސަފާރީގައި އެ ވަގުތު ތިބީ ސަފާރީގައި މަސައްކަތް ކުރާ ފަސްމީހަކު ކަމަށެވެ. އެ މީހުންގެ ތެރޭގައި ހިމެނޭ ދެ ދިވެހިން ފިހިގެން ލޯންޗެއްގައި މާލެ ގެންނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެމީހުން ފިހި ވަނީ ކިހާވަރަކަށް ކަމެއް އަދި ސާފުވާގޮތެއްނުވި އެވެ.

"ބާކީ ތިބި މީހުންނަށް ހާނިކައެއް ނުވޭ، އެ މީހުން މިހާރު ތިބީ އެ ސަފާރީގެ ޑައިވިން ދޯނީގައި ސަލާމަތުން،" ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ސަފާރީގައި ރޯވީ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އަދި އިތުރު ތަފްސީލު ލިބޭގޮތެއް ނުވެ އެވެ. އެ ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ނިންވުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ.