އެއާޕޯޓު، ހިންގާ ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ވައްދާފައިވާ އެއާޕޯޓް ޑިވަލޮޕް ޗާޖް (އޭޑީސީ)ގެ މައްސަލަ ނިމެންދެން ޖީއެމްއާރުގެ އެގްރިމަންޓާ ގުޅޭ އެއްވެސް މައްސަލައެއް ރާއްޖޭގެ ކޯޓެއްގައި ނުހިންގޭނެ ގޮތަށް ސިންގަޕޫރުގެ ހައިކޯޓުން ކޯޓުން ވަގުތީ އަމުރެއްނެރެފި އެވެ.

އެނގިފައިވާ ގޮތުގައި ސިންގަޕޫރު ހައިކޯޓުން އެ އަމުރު ނެރުނީ ޖީއެމްއާރުން އެފަދަ އަމުރަކަށް ސިންގަޕޫރުގެ ހައިކޯޓުގައި މިިދިޔަ މަހު އެދުމާއި ގުޅިގެންނެވެ.

ޖީއެމްއާރުގެ މައްސަލައިގެ މައުލޫމާތު ދިނުމަށް ހަތަރު މިނިސްޓަރަކު ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިއަދު ވިދާޅުވީ ޖީއެމްއާރުގެ އެގްރިމެންޓްގެ އެއްވެސް މައްސަލައެއް ދިވެހި ކޯޓެއްގައި ކުރިއަށް ގެންގޮސްފިނަމަ އެގްރިމަންޓްގެ ބާރު ކެޑޭނަމަ ކަމަށް ބުނެ ސިންގަޕޫރުގެ ހައިކޯޓުން ވަގުތީ އަމުރެއް ނެރެފައިވާ ކަމަށެވެ.

ޖީއެމްއާރުން އޭޑީސީގެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ވެއްދީ އޭޑީސީ ނުނެގޭނެ ކަމަށް ބުނެ ސިވިލްކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައި ވަނިކޮށެވެ.

ޖީއެމްއާރުގެ އެގްރިމަންޓްގެ ދަށުން އެގްރިމަންޓްގައިވާ އެއްވެސް ކަމަކާއި މެދު ހިޔާލުތަފާތުވެއްޖެނަމަ އެ މައްސަލަ ހައްލުކުރަން ޖެހޭނީ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް އެ މައްސަލަ ހުށަހަޅައިގެންނެވެ.

ޖީއެމްއާރުގެ އޭޑީސީގެ މައްސަލަ ބޮޑުވީ ކޮންސެޝަންފީއިން އެ ފައިސާ އުނިކުރުމުން ވޭތުވެ ދިޔަ ތިން މަސްދުވަހު ސަރުކާރަށް އެއްވެސް އާމްދަނީއެއް ނުލިބި 1.5 މިލިއަން ޑޮލަރު އެމްއޭސީއެލްއިން ޖީއެމްއާރަށް ދައްކަންޖެހުމާ އެކު އެވެ. އޭޑީސީގެ ފައިސާ ކޮންސެޝަންފީން އުނިކުރަން އެމްއޭސީއެލްގެ ކުރީގެ ޗެއާމަން ހުއްދަދެއްވި ސިޓީ ބާތިލްކުރަން އެމްއޭސީއެލްއިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ ކޯޓުގައި ކުރިއަށް ނުގޮސްފައި އޮތީ އެ އަމުރާއި ގުޅިގެންނެވެ.