ޖީއެމްއާރުގެ އެގްރިމަންޓުން ދައުލަތަށް ކޮންމެ އަހަރަކުވެސް އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުން ވަމުން އަންނާނެތީ އެ އެގްރިމަންޓް ބާތިލް ކުރަން ނޫނީ އެގްރިމަންޓަށް ބަދަލުތަކެއް ގެނެސް ކުރިއަށްދާން ސަރުކާރުން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ހަތަރު މިނިސްޓަރުންގެ ޓީމަކުން މިއަދު ބުނެފި އެވެ.

"އަޅުގަނޑުމެން ހުރިހާ ފަރާތްތަކަކާ އެކު މިހާރު މި ނިންމީ، މައުލޫމާތު ހިއްސާކޮށް މަޝްވަރާކުރަން ދެގޮތަކަށް ހެދެން އެބައޮތޭ މަގެއް އެބައޮތޭ؛ އެއީ މިހާރު މިއޮތް އެއްބަސްވުމުން ނިކުމެވޭނެ ގޮތްތަކެއް ހޯދުން އެއްބަސްވަންޏާ އެންމެންވެސް، އަނެއްގޮތަކީ އަޅުގަނޑުމެން ކުރީގައި ތިބި ދަތިހާލަތަށް ވުރެ ދަތިހާލުގައި ތިބީމައި އަޅުގަނޑުމެންނަށް އެ ހާލަތު ރަނގަޅު ކުރަން އެގްރިމަންޓްގެ ތެރެއިން މަސައްކަތް ކުރުން،" ޖީއެމްއާރު މައްސަލައާ ގުޅިގެން ހަތަރު މިނިސްޓަރަކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު ވިދާޅުވި އެވެ.

އެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ މިހާރު ނިންމަވާފައިވަނީ އެ މައްސަލައިގައި ހުރި ޓެކްނިކަލް މައްސަލަތައް ސިޔާސީ ޕާޓީތަކާ އެކު ހިއްސާ ކުރައްވައި ޕާޓީތަކުގެވެސް މަޝްވަރާގެ މަތިން އެކަމުގައި ގޮތެއް ނިންމެވުމަށް ކަމަށް އެ ޕްރެސްގައި ބައިވެރިވެ ވަޑައިގަތް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖީއެމްއާރުގެ އެއްބަސްވުމަކީ އިގްތިސޯދީ ގޮތުން ދެމެހެއްޓެނިވި އެއްބަސްވުމަކަށް ނުވާނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުން އޮތް ގޮތުން އެ އެއްބަސްވުން ބާތިލުކުރުމަކީ އަދި އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަކީ އެކަމުން އިތުރު މައްސަލަތަކެއް ނުކުމެދާނެ ކަމެއް ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.

"ދިވެހި ގިނަ ރައްޔިތުން ބޭނުންވާގޮތައް ސިޔާސީ ގިނަ ޕާޓީތަކުން ބޭނުންވާގޮތައް އެއްބަސްވުން ޓާމިނޭޓް ކުރުމަކީވެސް ގާނޫނީ ގޮތުން އެއްގޮތަކައްވެސް ފަސޭހަކަމެއް ނޫން، އެކަމުގައި ސަރުކާރުން ތިން ކަމެއް ސަރުކާރަށް ފާހަގަވޭ، އެއީ އެގްރިމަންޓް ޓާމިނޭޓް ކުރުމަށް ދައްކަން ޖެހޭނެ އަގު، މާލީ ހާލަތު މިގޮތުގައި އޮތް އިރު އެފަދަ ނިންމުމެއް ނިންމުމަކީވެސް ވަރަށް އުދަގޫކަމެއް، އަނެއްކަމަމަކީ ދިވެހި ސަރުކާރުން ހުއްދަ ދީގެން އިންވެސްޓްކުރަމުން އަންނަ ބަޔެއް، އެހެންވީމައި ރާއްޖޭން ބޭރު ގައުމުތަކަށް ރާއްޖެ ބަރޯސާވެފައިވާއިރު އިންވެސްޓާ ކޮންފިޑެންސަށްވެސް ވިސްނަންޖެހޭނެ، އަދި މި މައްސަލައާ ގުޅިގެން އައިސްފާނެ ޑިޕްލޮމެޓިކް ކަންތަކަކީވެސް ވިސްނަންޖެހޭނެ ކަމެއް،" އާޒިމާ ވިދާޅުވި އެވެ.

އެއާޕޯޓް އެގްރިމަންޓްގެ ބޭރުން ޖީއެމްއާރާއެކު ކުރީގެ ސަރުކާރުން ކޮށްފައި ހުރި އިތުރު ބައެއް މުއާމަލާތްތައް ކަމަށްވާ ތެލުގެ ފައިދާއިން ލިބޭ އާމްދަނީ މާފުކުރުމާއި އަދި އޭޑީސީގެ ފައިސާ މާފުކުރުން އަދި ޑިއުޓީ ފްރީ ހިންގުމުގެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް އެތަށް މިލިއަން ޑޮލަރެއްގެ ގެއްލުންވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދައުލަތުން ދޫކޮށްލަން ޖެހުނު ވިޔަފާރިތަކާ އެކު އެ އެގްރިމަންޓްގެ ގެއްލުން ޑަބަލްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެގްރިމަންޓް ބާތިލް ކުރާނަމަ ޖީއެމްއާރަށް ދިވެހި ސަރުކާރުން 700 މިލިއަނެއްހާ ޑޮލަރު ދޭންޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.

"ދައުލަތައް މިލިބޭ ގެއްލުމަށް ވުރެ ބޮޑަށް މިކަހަލަ ވަގުތެއްގައި އެގްރިމަންޓް ބާތިލްކުރަން ދައްކަން ޖެހޭ ކޮމްޕެންސޭޝަން އެއަށް ވުރެ އަޅުގަނޑުމެންނަށް ބޮޑުކަމަކަށް ވެދާނެ،" އާޒިމާ ވިދާޅުވި އެވެ.

ޕްރެސްގައި ޓޫރިޒަމް މިނިސްޓާ، އަހުމަދު އަދީބު ވިދާޅުވީ އެއާޕޯޓުގެ އަގުތައް މިހާރު އިންތިހާއަށް ބޮޑުކޮށްފައި ވުމާއި އެކު ޓޫރިސްޓުން ގިނަ އަދަދަކަށް ރާއްޖެ އަންނަ ފްލައިޓްތަކުގެ އޮޕަރޭޝަންތަކަށްވެސް މަޑުޖެހުމެއް އައިސްފައިވާ ކަމަށެވެ. އަދީބު ވިދާޅުވީ އެއާޕޯޓުގެ މައްސަލައިގައި އަވަހަށް ގޮތްތަކެއް ނުނިންމިއްޖެ ނަމަ ޓޫރިޒަމް އިންޑަސްޓްރީއަށާއި ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރި ހީވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން އެބަޖެހޭ މި އެގްރިމެންޓާ މެދު ގޮތްތަކެއް ނިންމަން، އެއީ ޕޮލިސީއެއްގެ ދަށުން ޕްރައިވެޓައިޒޭޝަންގެ ތެރެއިން މިކަން ކުރިއިރު އަޅުގަނޑުމެންގެ އެއްވެސް ސޭއެއް ނޯވޭ، ފިއުލް ބޮޑުކޮށް މަތިކޮށް އެހެން ޗާޖެއް ބޮޑުކޮށް ހަދާކަށް، އަނެއްކާ ދިވެހިންގެ މައި އެއާޕޯޓް މިހެންވީމައި މޮނޮޕޮލި [އެއްބަޔަކު ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ސަގާފަތް] އުފެދިފައި މިއޮތީ. މިކަމަށް ހައްލުކުރަން ޖެހޭ އަވަސް ގޮތެއްގައި ފިޔަވަޅުއަޅަން."