އިސްލާމްދީނަށާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް، އެމެރިކާގެ ޔަހޫދީއަކު ހަރަދުކޮށްގެން އުފެއްދި ފިލްމަކާ ގުޅިގެން އިސްލާމީ ދުނިޔޭގައި ފެތުރެމުންދާ ރުޅިވެރިކަމުގައި ޔަމަނުގައި ހުރި އެމެރިކާގެ އެމްބަސީ އަށް އެ ގައުމުތަކުގެ މުސްލިމުން ގެއްލުންދީފި އެވެ.

ލީބިޔާގެ އިރުމަތީގެ މައިރަށް ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ހަތިޔާރު އެޅި ބަޔަކު ހަމަލާދީ އެތަނުގައި ހުންނެވި އެމެރިކާގެ އެމްބެެސެޑަރު ކްރިސްޓޮފާ ސްޓީވެންސް އަވަހާރަކޮށްލި ހާދިސާގެ ފަހުން ޔަމަނުގައި "ފިލްމާ ދެކޮޅުހެދުމަށް"ކަމަށް ބުނެ ކުރި މުޒާހަރާތަކުގައި ޔަމަނުގެ ވެރިރަށް ސަންއާގައި ހުރި އެމެރިކާ އެމްބަސީ އަށް އަށް ދިން ހަމަލާގައި އެތަނުގެ ބޭރުގައިވާ ގިނަ ވެހިކަލްތަކެއްގައި ހުޅުޖަހައި އަންދާލި އެވެ.

"އެމެރިކާއަށް ހަލާކުހުރި، އެމެރިކާއަށް ހަލާކުހުރި،" ހަރުއަޑުން ގޮވަމުން އެމެރިކާ އެމްބަސީ ކައިރިއަށް އެއްވި މީހުން ވަނީ އެތަނުގައި ނަގާފައިވާ އެމެރިކާގެ ދިދަ ތިރިކޮށް އެ ދިދަ ވެސް އަންދާލާފަ އެވެ. އަދި އެދިދައިގެ ބަދަލުގައި ތައުހީދުގެ ކަލިމަ (ﷲ ފިޔަވައި އެހެން އިލާހަކު ނުވެ އެވެ)" ލިޔެފައިވާ ދިދައެއް ނެގި އެވެ.

ޔަމަނުގައި ހުރި އެމްބަސީއަށް ދިން ހަމަލާއަކީ އިސްލާމްދީނާ ދެކޮޅު ފިލްމާ ގުޅިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސިލްސިލާއަށް އިތުރުވި އެންމެ ފަހު ބޮޅެވެ.

ޔަމަނުގައި މުޒާހަރާ ކުރި މީހުން އެމްބަސީގެ ގޯތިތެރެއަށް ވަދެ، ބައެއް ވެހިކަލްތަކުގައި ހުޅުޖައި، އިމާރާތުގެ ކުދިދޮރުތަކުގެ ބިއްލޫރިތައް ތަޅާލި ނަމަވެސް އިމާރާތުގެ އެތެރެއަށް ވަދެފައެއް ނުވެއެވެ.

އެމްބަސީ ހިމާޔަތް ކުރުމަށް ދިޔަ ޔަމަނުގެ ސަލާމަތީ ބާރުތަކުން ވައިގެތެރެއަށް ބަޑިޖަހުމާއި ވޯޓާ ކެނަން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން މުޒާހަރާ ކުރި މީހުން ގާތްގަނޑަކަށް 45 މިނެޓް ތެރޭގައި އެމްބަސީގެ ގޯތިތެރެ އިން ނެރެފަ އެވެ.

ޔަމަނަކީ އަރަބި ޕެނިންސިއުލާގައ އަލްގައިދާގެ ބާރު އެންމެ ގަދަ ގައުމެވެ. އަދި އެގައުމުގެ ސަރުކާރަކީ ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާ އިން ކުރާ ހަނގުރާމައިގާ އެމެރިކާއަށް އެންމެ ބޮޑަށް އެހީތެރިވަމުން އަންނަ އެއް ގައުމެވެ.