13 Sep 2012, 17:19
އެންދަމަން އުޅެނިކޮށް ދޯނީގެ ބުރަފަތީގައި ޖެހި އދ. މަހިބަދޫ މީހެއްގެ ބޯ ވަރަށް ބޮޑަށް ޒަހަމުވެއްޖެ އެވެ.
މަހިބަދޫ ކައުންސިލްގެ ރައީސް ހަސަން ނާހު މިއަދު ސަން އޮންލައިނަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ރަށު "މާފަހި" ދޯނީގެ ފަޅުވެރިޔާ، އެ ރަށު ބެންހާގެ މުހައްމަދު ރިފްއަތު،27،ގެ ބޯ ވަރަށް ބޮޑަށް ޒަހަމުވީ އެންދެމުމުގެ މަސައްކަތުގައި އޭނާ އުޅެނިކޮށް، ބުރަފަތީގައި ޖެހިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެ އަތޮޅު އަންގާގާ ހިސާބުގައި އެންދަމަނިކޮށް އެ ހާދިސާ ހިނގުމާ އެކު ކޮމްރެޑް މޯލްޑިވްސްގެ ލޯންޗެއްގައި ވަގުތުން އޭނާ މާލެ ފޮނުވާފައިވާ ކަމަށާއި އަދި އޭނާ އަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"މިހާރު ޓެސްޓް ހަދަމުން އަންނަނީ. އޭނާ އަށް ލިބިފައި ވަނީ ކިހާވަރެއްގެ ސީރަސް އަނިޔާއެއްކަން އެނގޭނީ އެ ޓެސްޓްތަކަށް ފަހު،" ކައުންސިލަރު ވިދާޅުވި އެވެ.
މަހިބަދޫން ވާހަކަ ދެއްކި މީހަކު ބުނީ ރިފްއަތުގެ ބޯފަޅައިގެން ދިޔައީ ދޯނީގެ ބުރަފަތީގައި އޮޅުނު ވާގަނޑެއް ނައްޓަން އުޅެނިކޮށް ކައްޕި އަށް އޮޅިގެން އިންޖީނު ގިއަރަށް ލެވުމުން ކަމަށެވެ.