ރަސްމީ މުނާސަބަތުތަކުގައްޔާއި އަދި އެނޫން ވެސް ތަފާތު މުނާސަބަތުތަކުގައި ދެ ޖިންސު މަސްހުނިވެގެން ބާއްވާ ނެށުންތަކާއި ފުރާވަރުގެ އަންހެން ކުދިން ބައިވެރިކޮށްގެން އެކުދިންލައްވައި ނެއްޓުވުން ފަދަ ކަންތައްތައް ރަސްމީ އިދާރާތަކުންނާއި އާންމު ފަރާތްތަކުން އިންތިޒާމު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމް ދީނުގައިވާ ރަނގަޅު ގޮތް އޮޅުން ފިލުވައި ދިނުމަކީ އެ މިނިސްޓްރީގެ ވާޖިބެއް ކަމުގައިވާ އިރު ރަސްމީ މުނާސަބަތުތަކުގައްޔާއި އަދި އެނޫން ވެސް ތަފާތު މުނާސަބަތުތަކުގައި އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ކުޅިވަރުގެ އެކި ހަރަކާތްތަކުގައި އިސްލާމްދީނުގެ އަދަދު އަހުލާގާ ފުށުއަރާ ކަންތައްތައް ނުކުރުމަށް ނަޝޭހަތްތެރިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ މި ސާކިއުލާ ވަނީ ސަރުކާރުގެ މިނިސްޓްރީތަކަށާއި ސަރުކާރުގެ އޮފީސްތަކަށާއި ސިޓީ ކައުންސިލްތަކަށާއި ހުރިހާ އަތޮޅު ކައުންސިލްގެ އިދާރާތަކުގެ އިތުރުން ރަށު ކައުންސިލްގެ އިދާރާތަކަށް ވެސް ފޮނުވައިފަ އެވެ.

އެމިނިސްޓްރީން ބުނީ އިސްލާމީ އަދަބު އަހުލާގުގެ ގިއުގަނޑުގެ ތެރޭގައި ތާރަޖެހުމާއި ކުޑަކުދިންގެ ކުޅިވަރުތަކާއި އަސްކަރީ ހެވިކަމުގެ ކުޅިވަރުތަކާއި ގައުމީ ސަލާމްކުޅުމާއި ޕެރޭޑާއި ސްކައުޓް ހަރަކާތްތަކާއި ގާލްގައިޑް ހަރަކާތްތަކާއި ގައުމީ ސަލާމަތާއި ގައުމީ ޖޯޝް އާލާވާ ކުޅިވަރުތަކުގެ އިތުރުން ދިވެހި އާދަކާދައާއި ޝަގާފަތުގެ ތެރޭގައި ހިމެނޭ އިސްލާމްދީނާއި ފުށުނާރާ ކުޅިވަރުތައް ކުޅުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ވެސް އެމިނިސްޓްރީން ބުންޏެވެ.