13 Sep 2012, 16:24
އެޕަލް ކުންފުނިން މީގެ ކުރިން ނެރުނު އެޕަލް އައިފޯން ފޯ އެސް އާއި މިފަހަރު ނެރުނު އައިފޯން ފައިވްއާ ދެމެދު މާބޮޑު ތަފާތެއް ނެތް ނަމަވެސް އެފޯނުގެ ޑިސްޕްލޭ ބޮޑުވީމާ އީމެއިލް ޗެކްކުރަން ފަސޭހަވާނެ ކަމަށް ކުންފުނިން ބުނެ އެވެ.
އައިފޯން ފައިވްގެ އަނެއް ތަފާތަކީ އެފޯނުގެ ލުއިކަމާއި ތުނިކަމެވެ. އަދި އެފޯނުގެ އަނެއް ތަފާތަކީ އެފޯނުގައި ބޭނުންކޮށްފައިވާ އޭ ސިކްސް ނަމަކަށް ކިޔާ ކުރިއަށް ވުރެ އަވަސް ޕްރޮސެސާއެއް އެކުލެވިފައި ވުމެވެ. އަދި ފޯޖީ މޯބައިލް ކެރިއާތަކާ މިފޯނު ގުޅާލެވޭތީ އަވަސް އިންޓަންނެޓް ބޭނުންކުރުމުގެ ފަސޭހަ ވެސް ލިބޭނެ އެވެ.
އައިފޯން ފަހެއް ވިއްކަން ފަށާ އަގަކީ 200 ޑޮލަރު ކަމަށްވާ އިރު އެފޯނު އެމެރިކާގައި އާއްމުކޮށް ވިއްކަން ފަށާނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް މާދަމާ އެފޯނުގެ ޕްރީ އޯޑާ ނަގަން ފަށާނެ ކަމަށް އެޕަލް އިން ބުނެ އެވެ.
އައިފޯން ފައިވް އަކީ ކުރީގެ ފޯނުތަކަށް ވުރެ 18 ޕަަސެންޓް ތުނި އަދި 20 ޕަސެންޓް ލުއި ފޯނެކެވެ.
މި ސިފަތަކަކީ ފޯނު ބޭނުންކުރާ މީހުން އުފާވާ ކަންތައްްތަކަށް ވިޔަސް ކުރިން ފޯނު ޗާޖްކުރަން ބޭނުންކުރި ކޯޑުން ފަހުގެ ފޯނު ޗާޖެއް ނުކުރެވޭނެ އެވެ. މިފަހަރުގެ ފޯނުގެ ޗާޖިންކޯޑް ތަފާތުވީމައެވެ.
އެޕަލް އިން ބުނަނީ ކުރީގެ ޗާޖިން ކޯޑަށް ވުރެ 80 ޕަސެންޓް ކުޑަވާނެ ކަމަށެވެ.